ޚަބަރު

އީރާނުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ހަ ބޭފުޅަކަށް ރުހުންދީފި


ޖޫން 28ވަނަ ދުވަހު އީރާނުގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން ނަން ހުށަހެޅުއްވި ހަ ބޭފުޅަކަށް އެ ޤައުމުގެ ގާޑިޔަން ކައުންސިލުން ރުހުން ދީފިއެވެ. އީރާނުގައި ރިޔާސީ އިންތިޚާބު އަވަސްކޮށް ބާއްވަން އިޢުލާނު ކޮށްފައި ވަނީ, އެ މަޤާމުގައި ހުންނެވި އިބްރާހީމް ރައީސީ އަވަހާރަވުމާ ގުޅިގެންނެވެ.

ރައީސީ އަވަހާރަވެފައި ވަނީ މޭ 19ވަނަ ދުވަހު, އޭނާ ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓުނު ހިތާމަވެރި ހާދިސާގައެވެ. އެ ހާދިސާގައި އޭނާއާ އެކު ދަތުރު ކުރައްވަމުން ގެންދެވި ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބްދުއްލުހައްޔާނީއާއި, އީސްޓް އަޒަރްބައިޖާން ޕުރޮވިންސުގެ ގަވަރުނަރު މާލިކު ރަޙްމަތީއާއި, ތަބްރީޛް ސިޓީގެ ހުކުރު ނަމާދާ ބެހޭ އިސްވެރިޔާ މުޙައްމަދު ޢަލީ އަލް-ހާޝިމް ވެސް އަވަހާރަވިއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން ރުހުން ލިބިފައިވާ ބޭފުޅުންގެ ތެރޭގައި އީރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލިބާފީ ހިމެނި ވަޑައިގަންނަވައެވެ. އޭނާގެ އިތުރުން, އީރާނުގެ ގާޑިޔަން ކައުންސިލުން ރުހުން ދީފައިވާ ބޭފުޅުންގެ ތެރޭގައި އީރާނުގެ އިސް ނިއުކްލިޔަރ ނެގޯޝިއޭޓަރ ކަމުގެ މަޤާމު ފުރުއްވާފައިވާ ސަޢީދު ޖަލީލީއާއި ވެރިރަށް ޠަހްރާންގެ މޭޔަރު ޢަލީރިޟާ ޛަކާނީ ހިމެނެއެވެ.

މީގެ ތެރެއިން 62 އަހަރުގެ ޤާލިބާފީއަކީ އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ ވައިގެ ސިފައިންގެ ގޮފީގައި އިސް ކޮމާންޑަރެއްގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. ފާއިތުވި ހަތަރު އަހަރު އީރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ކަމުގެ މަޤާމު ފުރުއްވާފައިވާ ޤާލިބާފީއަކީ 2005އިން 2017އާ ދެމެދު ޠަހްރާންގެ މޭޔަރުގެ މަޤާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ފުލުހުންގެ އިސްވެރިޔާ މަޤާމު ވެސް ކުރިން ފުރުއްވާފައިވާ ޤާލިބާފީ, 2005, 2013 އަދި 2017ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުތަކުގައި ވާދަ ކުރައްވަން ނަން ހުށަހެޅުއްވިއެވެ. ނަމަވެސް, 2017ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުން އޭނާ ނަން ނަންގަވާފައި ވަނީ ރައީސީއަށް ފުރުޞަތު ދެއްވުމުގެ ބޭނުމުގައެވެ. ޛަކާނީ ވެސް ވަނީ 2021ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސީއަށް ފުރުޞަތު ފަހިކޮށްދެއްވުމަށް ނަން އަނބުރާ ގެންދަވާފައެވެ.

ކުރިއަށް އޮތް އިންތިޚާބުގައި ވާދަ ކުރައްވަން ނަން ހުށަހަޅުއްވާފައިވާ ޖަލީލީއަކީ, އީރާނުގެ ރޫޙީ އެންމެ މަތީ ވެރިޔާ, އާޔަތުالله ޢަލީ އަލް-ޚާމަންއީގެ ވަރަށް އަރިސް ބޭފުޅެކެވެ. އަދި, އޭނާއަކީ އީރާނުގެ ޤައުމީ ސަލާމަތާ ބެހޭ އެންމެ މަތީ ކައުންސިލުގައި އަލް-ޚާމަންއީ ތަމްސީލު ކުރައްވާ މެންބަރެވެ. 2021ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން ޖަލީލީ ނަން ހުށަހެޅުއްވި ނަމަވެސް, ރައީސީއަށް ފުރުޞަތު ދެއްވުމުގެ ގޮތުން އޭނާވެސް ވަނީ ނަން އަނބުރާ ގެންދަވާފައެވެ.

އެ ތިން ބޭފުޅުންގެ އިތުރުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން ރުހުން ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު މަސްޢޫދު ބީޛިޝްކިޔާން, ދާޚިލީ ވުޒާރާއާއި ޝަރުޢީ ދާއިރާގެ ވަޒީރު ކަމުގެ މަޤާމު ފުރުއްވާފައިވާ މުޞްޠަފާ ބޫރޫމުޙައްމަދީ, އަދި އީރާނުގެ ޝަހީދުންގެ ފައުންޑޭޝަންގެ ވެރިޔާ އަމީރުޙުސައިނީ ޣާޛީޛާދާ ހާޝިމީ ހިމެނިވަޑައިގަންނަވައެވެ. މީގެ ތެރެއިން ބީޛިޝްކިޔާނަކީ ޞިއްޙަތާ ބެހޭ ވަޒީރު ކަމުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

އީރާނުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން 74 ބޭފުޅަކު ގާޑިޔަން ކައުންސިލަށް ނަން ހުށަހެޅުއްވިއެވެ. އޭގެ ތެރޭގައި, ކުރީގެ ރައީސް މަޙްމޫދު އަޙްމަދިންޖާދީ އަދި ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ކަމުގެ މަޤާމު ތިން ދައުރެއްގައި ފުރިހަމަ ކުރައްވާފައިވާ ޢަލީ ލަރީޖާނީ ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް, ގާޑިޔަން ކައުންސިލުން އެ ބޭފުޅުންނަށް ރުހުން ދީފައެއް ނުވެއެވެ.

މީގެ އިތުރުން, ކުރީގެ ރައީސް ޙަސަން ރޫޙާނީގެ ވެރިކަމުގައި ފުރަތަމަ ނައިބު ރައީސްގެ މަޤާމު ފުރުއްވި އިސްޙާޤް ޖިހާންޣީރީއާއި, އީރާނުގެ މަރުކަޒީ ބޭންކުގެ ކުރީގެ ގަވަރުނަރު ޢަބްދުލްނާޞިރު ހިއްމަތީއަށް ވެސް ގާޑިޔަން ކައުންސިލުން ރުހުން ދީފައި ނުވާ ކަން ފާހަގަ ކުރެވެއެވެ.

ފަހަކަށް އައިސް އީރާނުގައި ބާއްވާ އިންތިޚާބުތަކުގައި ވޯޓުލާ މީހުންގެ ޢަދަދު މަދުވަމުންދާ ކަން ފާހަގަ ކުރެވެއެވެ. މި ގޮތުން, 2024ވަނަ އަހަރު ބޭއްވި ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާފައި ވަނީ, ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ތެރެއިން އެންމެ 40 އިންސައްތައެވެ. މިއީ, 1979ވަނަ އަހަރު އީރާނަށް ގެނައި އިސްލާމީ އިންޤިލާބަށް ފަހު ބޭއްވި އިންތިޚާބެއްގައި އެންމެ މަދު ޢަދަދެއްގެ ބަޔަކު ބައިވެރިވި ފަހަރެވެ.