ޚަބަރު

ވިލާތުގެ ދެ ޤައުމެއްގެ އާގުބޯޓުތަކަށް ޙަމަލާދީ ޙޫޘީން ބޮޑެތި ގެއްލުންތަކެއް ދީފި


ޢަދަން ކަނޑުން ދަތުރު ކުރަމުން ދިޔަ ދެ އާގުބޯޓަކަށް ޔަމަންގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް, ޙޫޘީން ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ޙޫޘީން ޙަމަލާ ދީފައި ވަނީ ޖަރުމަނުވިލާތާއި ސްވިޓްޒަލެންޑުގެ ދެ އާގުބޯޓަށެވެ. މި ޙަމަލާތަކުގައި އެ ދެ ބޯޓަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ރަތް ކަނޑުގައި ދަތުރުކުރާ އާގުބޯޓުފަހަރާއި އަސްކަރީ މަނަވަރުތަކަށް ޙޫޘީން ޙަމަލާ ދޭން ފަށާފައި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން 2023 އޮކްޓޫބަރު 7ގައި ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނާ ގުޅިގެންނެވެ. ޙޫޘީންގެ ޙަމަލާތަކުގެ ބޭނުމަކީ, ޢުދުވާނާއި ގަތުލުއާންމުތައް ހުއްޓުވަން ޔަހޫދީންނަށް ބާރު އެޅުމެވެ.

ޙޫޘީންގެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ އިސްރާއީލަށް މުދާ ގެންދާ އާގުބޯޓުފަހަރާއި, ޔަހޫދީންނާއި އެ މީހުންގެ ހިއްސާ އޮންނަ ކުންފުނިތަކުން ހިންގާ އާގުބޯޓުފަހަރަށެވެ. އަދި, ޙޫޘީންގެ އަސްކަރީ ހަރަކާތްތައް ހުއްޓުވުމުގެ ނަމުގައި އެމެރިކާއާއި އިނގިރޭސިވިލާތް ގުޅިގެން ޔަމަނަށް ބޮން އަޅަން ފެށުމާ އެކު, ޙޫޘީން ވަނީ އެ ދެ ޤައުމުގެ އަސްކަރީ މަނަވަރުތަކަށް ވެސް ޙަމަލާތައް އަމާޒު ކުރަން ފަށާފައެވެ.

މެދުއިރުމަތީގެ ޤައުމުތަކުގައި ތިބި އެމެރިކާ ސިފައިންގެ މައި އިދާރާ, ޔޫއެސް ސެންޓްރަލް ކޮމާންޑް (ސެންޓްކޮމު)ން ބުނީ, ޙޫޘީންގެ ޙަމަލާތަކުގައި ލައިބީރިޔާގެ ދިދައިގެ ދަށުން ދަތުރު ކުރާ ސްވިޓްޒަލެންޑުގެ އާގުބޯޓެއް ކަމުގައިވާ ތާވީޝީއަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައެވެ. ނަމަވެސް, ޙަމަލާތަކުގައި ބޯޓުގެ ފަޅުވެރިންގެ ފުރާނައަށް ނުރައްކާވެފައެއް ނުވެއެވެ.

ޙޫޘީންގެ ޙަމަލާތައް އަމާޒު ކޮށްފައިވާ ދެވަނަ އުޅަނދަކީ ޖަރުމަނުވިލާތުގެ އާގުބޯޓެއް ކަމުގައިވާ ނޯޑަރނައިއެވެ. އެއީ, އެންޓީގާ އެންޑް ބާބޭޑޯސްގެ ދިދައިގެ ދަށުން ދަތުރު ކުރާ އުޅަނދެކެވެ. އެ އުޅަނދަށް ޙަމަލާ ދޭން ޙޫޘީން ދެ މިސައިލް ބޭނުން ކޮށްފައިވެއެވެ. އަދި, އެއަށް ވެސް ބޮޑެތި ގެއްލުންތަކެއް ދިނެވެ. ނަމަވެސް, އެއްވެސް ފަޅުވެރިއެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމުގައި ސެންޓްކޮމުން ބުންޏެވެ.

ހުސްވި މޭ މަހުގެ ތެރޭގައި ޔަމަން ކައިރިން ދަތުރު ކުރަމުންދިޔަ ހަ އާގުބޯޓަކަށް ޙޫޘީން ޙަމަލާތައް އަމާޒުކޮށްފައިވެއެވެ. އޭގެ ތެރެއިން އެއް އުޅަނދަކީ މާޝަލް އައިލެންޑްސްގެ ދިދަ ޖަހައިގެން ދަތުރު ކުރާ އާގުބޯޓު, ލާކްސެވެ. މީގެ އިތުރުން ޙޫޘީން ވަނީ ރަތް ކަނޑުގައި ދަތުރު ކުރަމުންދިޔަ ދެ އާގުބޯޓެއް ކަމުގައިވާ މޯރިޔާއާއި ސީލޭޑީގެ އިތުރުން ޢަރަބި ކަނޑުން ދަތުރު ކުރަމުން ދިޔަ އަލްބާ އަދި މާސްކް ހާޓްފޯޑަށް ވެސް ޙަމަލާދީފައެވެ. އަދި, މެޑިޓެރޭނިޔަން ކަނޑުގައި ދަތުރު ކުރަމުން ދިޔަ މިނަރވާ އެންޓޯނިޔާއަށް ވެސް ޙޫޘީންގެ ޙަމަލާތައް އަމާޒުކޮށްފައިވެއެވެ.

ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުތަކަށް ވަކާލާތު ކުރުމުގެ ނަމުގައި ޙޫޘީން ދެމުންދާ މި ފަދަ ޙަމަލާތައް އިންޑިޔާ ކަނޑުގެ ސަރަޙައްދަށް ވެސް އެ ޖަމާޢަތުން ވަނީ ފުޅާ ކޮށްފައެވެ. އެ ސަރަޙައްދުތަކުން ދަތުރު ކުރާ އުޅަނދުފަހަރަށް ޙަމަލާ ދޭން ޙޫޘީން ދަނީ ނުރައްކާތެރި މިސައިލްތަކާއި ޑްރޯން ފަދަ ހަތިޔާރު ވެސް ބޭނުން ކުރަމުންނެވެ.

ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ބާރު އެޅުމަށް އަމަލީ ގޮތުން ފިޔަވަޅުތަކެއް އަޅަމުންދާ މަދު ފަރާތްތަކުގެ ތެރޭގައި ޙޫޘީން ހިމެނެއެވެ. މީގެ އިތުރުން, ލުބްނާންގައި ހަރަކާތްތެރިވާ ޙިޒްބުالله ޖަމާޢަތުން ވެސް ދަނީ ޒަޔަނިސްޓު އިސްރާއީލުގެ އުތުރުގައިވާ ރަށްތަކަށް އަމާޒުކޮށް މެދުކެނޑުމެއް ނެތި ޙަމަލާތައް އަމާޒު ކުރަމުންނެވެ. އަދި, ޢިރާޤާއި ސޫރިޔާގައި ހަރަކާތްތެރިވާ ޖަމާޢަތްތަކުން ވެސް ދަނީ ޔަހޫދީންގެ އަމާޒުތަކަށް ޙަމަލާ ދެމުންނެވެ. އެ ޖަމާޢަތްތަކަކީ އީރާނުން ވާގިވެރިވާ ޖަމާޢަތްތަކެއް ކަމަށް ބެލެއެވެ.