ޚަބަރު

ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ޖުޑީޝަރީން ކަށަވަރުކުރައްވާނެ


ޝަރުޢީ ދާއިރާއާމެދު ރައްޔިތުންކުރާ އިތުބާރު ދަމަހައްޓަވައި، ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ޝަރުޢީ ދާއިރާއިން ކަށަވަރު ކުރައްވާކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދު ވިދާޅުވެއްޖެއެވެ. 

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ ޖުޑީޝަލް އަހަރު 2016 ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދާ ފަނޑިޔާރުންގެ މަހާސިންތާ ފެއްޓެވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދު ވިދާޅުވީ ޝަރުޢީ ދާއިރާގެ ކުރިއެރުމާއި، ޢަދުލު އިންސާފު ޤާއިމުކުރެއްވުމުގެ މަޤްޞަދު ޙާޞިލްކުރެއްވުމަށްޓަކައި ޝަރުޢީ ދާއިރާއަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ބާރެއް ގޮތުގައި ހެއްދެވުމަށް ޚާއްޞަ އިސްކަމެއް ދެއްވާކަމަށެވެ. މިކަން ކަށަވަރު ކުރެއްވުމަށްޓަކައި ފަނޑިޔާރުންނަކީ މުޖުތަމަޢުގައި ރައްޔިތުންގެ އިޙްތިރާމް ލިބިފައިވާ، ނަޒާޙަތްތެރި ބަޔަކަށްވާން ޖެހޭނެކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އެގޮތުން ފަނޑިޔާރުންގެ ފިކުރީ ނަޒާޙަތްތެރިކަން ދެމެހެއްޓެވުމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދު ގޮވާލެއްވިއެވެ. އެގޮތުން ދެފުށް ފެންނަގޮތަށް ޝަރުޢީ ދާއިރާގެ ކަންކަން ކުރިއަށް ގެންދިއުމުގެ މުހިންމުކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ.

ފަނޑިޔާރުންގެ ތަޢުލީމީ ފެންވަރު އިތުރަށް ރަނގަޅުކުރެއްވުމަށް ކޮންޓިނިއުއިންގ ޖުޑީޝަލް އެޑިއުކޭޝަންގެ ޕްރޮގްރާމްތައް ހިންގަވަމުން ދާނެކަމަށާއި، ޝަރުޢީ ދާއިރާގެ ހިންގެވުން ހަރުދަނާ ކުރެއްވުމަށްޓަކައި ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުންދާއިރު، ޒަމާނަށް އަންނަމުންދާ ބަދަލުތަކާ އެއްގޮތަށް ޝަރުޢީ ދާއިރާގެ ކަންކަން ކުރިއެރުވުމަށް ޚާއްޞަ އިސްކަމެއް ދެއްވާކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ވިޔަފާރީގެ ދާއިރާ ފުޅާވަމުންދާ މިދަނޑިވަޅުގައި އެބާވަތުގެ މައްސަލަތައް ބެލޭނެ ޚާއްޞަ އިންތިޒާމްތައްވެސް ހަމަޖައްސަވަމުން ގެންދަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ފަނޑިޔާރުންގެ މަހާސިންތާ 2016 އަކީ ޝަރުޢީ ދާއިރާގެ އިދާރީ އަދި ޝަރުޢީ ކަންކަމުގައި ކޯޓުތަކުން ޢަމަލުކުރާނެ އެއްގޮތް އުސޫލުތަކެއް އެކަށައަޅުމާމެދު މަޝްވަރާކޮށް އެއްގޮތް އުސޫލުތަކެއް ނިންމުމަށް ބާއްވާ މަހާސިންތާއެކެވެ. މީގެ އިތުރުން ޝަރުޢީ ދާއިރާ އިތުރަށް ހަރުދަނާކުރެއްވުމަށްޓަކައި ކޯޓްތައް ގުޅިގެން މަސައްކަތްކުރުމަކީވެސް މިމަހާސިންތާގެ މަޤްޞަދެކެވެ. މިމަހާސިންތާގައި ދިވެހިރާއްޖޭގެ ހައިކޯޓާއި، ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުންގެ އިތުރުން، ޖުޑީޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުން ބައިވެރިވެވަޑައިގަންނަވައެވެ.