ޚަބަރު

ޙައްޖު ފެށެން 4 ދުވަސް، މިހާތަނަށް 1.3 މިލިޔަން ޙައްޖުވެރިން މައްކާގައި


  • ޙައްޖުގެ މަތިވެރި އަޅުކަން ފެށޭނީ އަންނަ ހުކުރު ދުވަހު

  • ޙައްޖު ދުވަހަކީ އަންނަ ހޮނިހިރު ދުވަސް

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް 1.3 މިލިޔަނަށް ވުރެ ގިނަ މީހުން މައްކާގެ މުޤައްދަސް ބިމަށް ޖަމާވެއްޖެއެވެ. މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން ފެށޭނީ އަންނަ ހުކުރު ދުވަހުއެވެ. ޙައްޖު ދުވަހަކީ އަންނަ ހޮނިހިރު ދުވަހެވެ.

ޙައްޖުގެ އަޅުކަން ފެށެން މަދު ދުވަސްކޮޅެއް އޮތް އިރު ޙައްޖުގެ މި މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މުސްލިމުން އަންނަނީ މައްކާގެ މި މުޤައްދަސް ބިމަށް ޖަމާވަމުންނެވެ. މިހާތަނަށް 1.3 މިލިޔަން މުސްލިމުން ޙައްޖުގެ އަޅުކަމަށް މައްކާއަށް އައިސްފައިވާއިރު ޙަރަމްފުޅު އަދި ޙަރަމްފުޅުގެ ބޭރުވެސް ފެންނަނީ ވަރަށް ބާރު ބޮޑުކޮށެވެ. އެހެންކަމުން ހަރަމްފުޅުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ސިފައިން އަންނަނީ ކުރަމުންނެވެ. މިދުވަސްވަރު އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުޞަތުވެސް ދެނީ ޙައްޖު ވިސާގައި އަންނަ މީހުންނަށް އެކަނިކަން ފާހަގަކުރެވެއެވެ.

ޙައްޖުގެ މަތިވެރި އަޅުކަމަށް އަންނަ މީހުންގެ ސީދާ އަދަދު ސަޢުދީ ޢަރަބިއްޔާ ސަރުކާރުން މިހާތަނަށް ހާމަކޮށްފައި ނުވިނަމަވެސް މުސްލިމުންގެ އެންމެ ބޮޑު އެއް އާބާދީއެއް އޮންނަ އިންޑޮނޭޝިއާއަށް ވަނީ 241000 ކޯޓާ ދީފައެވެ. އަދި ޕާކިސްތާނަށް 179،210 ކޯޓާ ދީފައިވާއިރު ޤަތަރަށް ދީފައިވަނީ 4400 ކޯޓާއެވެ. މީގެ އިތުރުން ބަންގްލަދޭޝަށް 127،198 ކޯޓާ ދީފައިވާއިރު ކުވައިތަށް ދީފައިވަނީ 8000 ކޯޓާއެވެ. އަދި އިންޑިއާއަށް 175،025 ކޯޓާ ދީފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ޙައްޖުގެ އަޅުކަން އަދާކުރުމަށް އެތައް މުސްލިމުންނެއް މައްކާއަށް އަންނައިރު ޤަވާއިދާ ޚިލާފަށް ޙައްޖުވާން އުޅޭ މީހުންގެ އަދަދުވެސް ވަކި މަދެއް ނޫނެވެ. އެގޮތުން ގަވާއިދާ ޚިލާފަށް ޙައްޖުގެ އަޅުކަން އަދާކުރަން މައްކާއަށް އެތެރެވާން އުޅުން 3 ލައްކަ އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ ހުއްޓުވާފައެވެ. މިމީހުންގެ ތެރޭގައި 153،998 މީހުންނަކީ ޙައްޖު ވިސާ ނެތި ޓޫރިސްޓް ވިސާގައި ޙައްޖުވާން އައި މީހުންނެވެ. ބާކީ ތިބި މީހުންނަކީ ސައުދީގައި ދިރިއުޅޭ އެހެންނަމަވެސް މައްކާގައި ވަޒަންވެރި ނޫން އަދި ޙައްޖު ޕާމިޓް ނެތި ޙައްޖުވުމަށް މައްކާއަށް އެތެރެވާން އުޅުނު މީހުން ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް އަންނަ ޙައްޖުވެރިންނަށް އެކަމުގެ ހުއްދަ އޮންނަ ޚާއްސަ ފާހެއް ދޫކުރެއެވެ. އަދި މި ފާސް ނެތްނަމަ ޙަރަމްފުޅާއި މިނާ އަދި އަރަފާތު ބިމަށް ދިއުމަކީ އުނދަގޫކަމަކަށް ވެދާނެއެވެ. ސަޢުދީ ސަރުކާރުން ނިންމާފައިވަނީ އެ ފާސް ގެއްލިއްޖެނަމަ 10،000 ރިޔާލުން ޖޫރިމަނާކޮށް 10 އަހަރު ވަންދެއް ޙައްޖު އަދި އުމްރާގެ އަޅުކަންވެސް އަދާކުރުމަށް ނާދެވޭ ގޮތަށެވެ.

ޙައްޖުގެ ކަންކަން ވީހާވެސް ބޮޑަށް ލުއިފަސޭހަ ކުރުމުގެ ގޮތުން ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން އަންނަނީ ޚާއްސަ އިންތިޒާމްތަކެއް ހަމަޖައްސަވަމުންނެވެ. އެގޮތުން ޙައްޖުވެރިން އަންނަ ހިސާބުން ފެށިގެން އެމީހުން ތިބޭ ހޮޓަލަށް ގެންދަނީ އެކަމަށް ޚާއްސަކޮށްފައިވާ ބަސްތަކުގައެވެ. އަދި ޙައްޖުވެރިން މަދީނާއަށް ކުރާ ދަތުރުތަކާއި މިނާއާއި އަރަފާތަށް ކުރާ ދަތުރުތައްވެސް ހަމަޖައްސަނީ ސަޢުދީ ސަރުކާރުންނެވެ.