ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ މާޙައުލު ތަޖުރިބާކޮށް ތަމްރީން ލިބިގަތުމުގެ ފުރުސަތު ފަހިކުރުމަށް މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީއާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާ ދެމެދު އެއްބަސްވުމެއް އެކުލަވާލައިފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކި ކަހަލަ ހުނަރު ދަސްކޮށްދީ މުޖުތަމަޢުގެ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދީ އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ޤާބިލުކަމަށް ވާޞިލުކޮށްދިނުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. މިގޮތުން ސަރުކާރާއި އަމިއްލަ މުވައްސަސާތައް ގުޅިގެން އެފަދަ ކުދިންނަށް ވަޒީފާގެ ތަޖުރިބާ އާއި ތަމްރީނުވުމުގެ ފުރުސަތު ހޯދާދިނުމަށްދަނީ މަސައްކަތް ކުރަމުންނެވެ.
މިމަސައްކަތުގެ ދަށުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިންވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް އިންޓަރންޝިޕް ޕްރޮގްރާމެއް ކުރިއަށްގެންދިޔުމަށް މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީއާ ދެމެދު އެއްބަސްވުމެއް އެކުލަވާލާފައެވެ. މިއެއްބަސްވުމުގެ ދަށުން އެފަދަ ފަރާތްތަކަށް މަސައްކަތުގެ ޢަމަލީ ތަޖުރިބާ ލިބި، މަސައްކަތުގެ މައިދާނުގައި އުޅުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދެވިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ކުންފުނިތަކާއެކު ކުރެވޭ މަސައްކަތުން ނުކުޅެދުންތެރިކަން ހުންނަ މީހުން ޝައުގުވެރިވާ ދާއިރާތައް ދެނެގަނެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި މިފަދަ ކުދިންނާއެކު މަސައްކަތްކުރުމުގައި ވަޒީފާ ދޭ ފަރާތައްވެސް ދިމާވެދާނެ ޙާލަތްތަކަށް ތައްޔާރުވުމަށް ލިބޭ ފުރުސަތަކަށް މިފަދަ އިންޓަރންޝިޕް ޕްރޮގްރާމްތައް ވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މިއެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަމްޢާނެވެ. އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަޙްމަދު އާތިފްއެވެ.
މިއެއްބަސްވުމާ ގުޅިގެން އެމްއޭސީއެލްއިިން ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތަޖުރިބާ އެންމެ ފުރިހަމަގޮތުގައި އެކުންފުނީގެ ފަރާތުން ފޯރުކޮށްދޭނެކަމަށެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފާހަގަކުރައްވާގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވާ މަސައްކަތުގެ މާޙައުލަށް ނެރެ އެފަދަ މީހުންނަށް މިނިވަންކަމާއެކު ދިރިއުޅެވޭނެ ގޮތް ހެދުމަކީ ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެއްވާކަމެކެވެ. އަދި އެފަދަ ކުދިންގެ ސަބަބުން މުޖުތަމަޢުގައި ތިބި މިފަދަ އެހެން މީހުންނަށްވެސް އިސްނަގައިގެން ކަންކަމާ ކުރިމަތިލުމަށް ހިތްވަރު ލިބި މިފަދަ ކުދިންނަށް ކުރިއަށްދިޔުމުގެ ފުރުސަތުތައް ލިބިގެންދާނެކަމަށް އެވުޒާރާއިން ދެކެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހަމަޖައްސައިދީ އެފަދަ މީހުންނަކީ މުޖުތަމަޢުގެ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ބަޔަކަށް ހެދުމަށް ސަރުކާރުންވަނީ އެފަދަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދާދިނުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެ ގަވާއިދެއްވެސް އެކުލަވާލާފައެވެ. މީގެއިތުރުން މުވައްސަސާތަކަށް ވަދެނިކުތުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހަކުރުމަށްވެސް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.