ޚަބަރު

އައްޑޫ ސިޓީގައި ގާމެންޓް ފެކްޓްރީއެއް ގާއިމްކުރަނީ


އައްޑޫ ސިޓީގައި ގާމެންޓް ފެކްޓްރީއެއް ގާއިމް ކުރުމަށް ބިން ދޫކުރުމުގެ އެއްބަސްވުމުގައި އައްޑޫ ސިޓީ ކައުންސިލާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު، މުޙައްމަދު ޝުޢާއުއެވެ. އަދި ބީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ، ސާމިޙް އާދަމް އެވެ.

މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ އިޤްތިޞާދީސިޔާސަތުތަކާ އެއްގޮތަށް ރާއްޖޭގައި ސިނާޢީ ފެންވަރެއްގައި ފެހުމުގެ މަސައްކަތްތަރައްޤީކޮށް، ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް ޓަކައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތަކަށް ފަހިކަމެއް ގެނެސްދޭނެ އެއްބަސްވުމެއްކަމަށް ބީސީސީން ބުނެއެވެ.

ބީސީސީގެ އަމާޒަކީ ރާއްޖެއަށް އެތެރެކުރާ މުދަލަށް ބަރޯސާވުން ކުޑަކޮށް ވަޒީފާގެ ފުރުޞަތުތައް ފަހިކުރުމާއެކު ޚާއްޞަކޮށް އަންހެނުން ބާރުވެރިކުރުންކަމަށް އެވުޒާރާއިން ބުނެއެވެ. މީގެ އިތުރުން ދިވެހި ކުދި ވިޔަފާރިތައް ތަރައްޤީ ކުރުމާށާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ބޮޑެތި އިޤްތިޞާދީ ޙަރަކާތްތައް ހިންގުމުގެ ފުރުޞަތު ފަހި ކުރުމަކީވެސް ބީސީސީގެ އަމާޒެއްކަމަށްވެސް އެވުޒާރާއިން ބުނެއެވެެ.

ބީސީސީއިން ބުނީ މި ގާމެންޓް ފެކްޓްރީއަކީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ އިސްނެންގެވުމާއެކު ތަރައްޤީ ކުރެވޭ ފެކްޓްރީއެއްކަމަށެވެ. އަދި އައްޑޫ ސިޓީގައި ޤާއިމް ވެގެން ދިޔުމަކީ އެ ސިޓީއާއިމުޅި ރާއްޖޭގެ އިޤްތިޞާދަށް އެއިން ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމެއްކަމަށެވެެ.
މި މަޝްރޫއުގެ ސަބަބުން ފެހުމުގެ ދާއިރާއިން ވިޔަފާރިވެރިން ކުރިއެރުވުމާއެކު އަދުގެ ސަރުކާރުގެ ސިނާޢީ ތަރައްޤީގެ ބާރު ދުވެލީގައި އައްޑޫ ސިޓީއާއި މުޅި ރާއްޖޭގެ އިޤްތިޞާދަށްވެސް އޭގެ އެންމެ އެދެވޭ އަސަރު ކުރާނެކަމަށް ދެކޭކަމަށްވެސް ބީސީސީން ބުނެއެވެ .