ޚަބަރު

ފަލަސްޠީނަށް އެހީވުމަށް ބާއްވާ ޚާއްސަ ޓެލެތޯނަށް އެންމެންގެ އެއްބާރުލުން ބޭނުންވޭ: ޒީނާ


  • ޓެލެތޯން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު

  • ޓެލެތޯން ކުރިއަށްދާނީ ހެނދުނު 8 އިން ދަންވަރު 12 އަށް

  • ފަންޑު ފޮށި އެކި ހިސާބުތަކުގައި ބަހައްޓާނެ

ފަލަސްޠީނަށް އެހީވުމަށް އަންނަ ބުދަދުވަހު ބާއްވާ ޚާއްސަ ޓެލެތޯނަށް ދިވެހި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވެއްޖެއެވެ.

ފަލަސްޠީނާއެކު ދިވެހިންގެ ނަމުގައި މިޓެލެތޯން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު ހެނދުނު 8 އިން ދަންވަރު 12 އަށެވެ.

ޓެލެތޯނާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވީ މިހަރަކާތާ ގުޅޭގޮތުން މައުލޫމާތު ސާފުކުރަން ބޭނުން ފަރާތްތަކަށް ޚާއްސަ ކޯލް ސެންޓަރެއް ގާއިމްކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މިކޯލް ސެންޓަރުގެ ނަމްބަރަކީ 3000400 އެވެ.

"ޓެލެތޯން ކުރިއަށްދާއިރު، ފެންނާނެ ފައިސާ ޖަމާވަމުންދާ ވަރު، މާލޭގެ އެކި ހިސާބުތަކުގައި ފަންޑު ފޮށިތައް ބަހައްޓާނަން، ޓީވީ ގޯތިތެރޭގައިވެސް ފަންޑު ފޮށި ބަހައްޓާނެ،" ޒީނާ ވިދާޅުވިއެވެ.

އަދި މިޓެލެތޯންގެ ފަންޑު ރެއިޒިން ހަރަކާތަށް ޚާއްސަކޮށްގެން ޕީއެސްއެމުން 2 އެކައުންޓެއް ހުޅުވުމަށް ހަމަޖެހިފައިވާކަމަށާއި، ފަންޑު ފޮށިތައް އެކި ހިސާބުތަކުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް ޒީނާ ވިދާޅުވިއެވެ.

ފަލަސްޠީނަށް އެހީވުމަށް ބާއްވާ ޚާއްސަ ޓެލެތޯން ރާއްޖޭގެ ބޮޑެތި އެހެން ޓީވީ ޗެނަލްތަކުންވެސް ލައިވް ކުރުމަށްވަނީ ހަމަޖެހިފައެވެ.

ޓެލެތޯންގެ ބޭނުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒީނާ ވަނީ ހުރިހާ ފަރާތްތަކުންވެސް ފަލަސްޠީނަށް އެހީތެރިވުމަށް އެދިވަޑައިގެންފައެވެ.

"ހުރިހާ ބޭފުޅުންވެސް އެހީތެރިކަން ފޯރުކޮށްދިނުމަކީ ވަރަށް ބޮޑު އެދުމެއް، އެންމެންނަށްވެސް އެބަފެނޭ ފަލަސްޠީނުގެ ރައްޔިތުން އުޅޭ ހާލަތު، އުއްމީދުކުރަނީ މި ޓެލެތޯނުން ފަލަސްޠީނުގެ ރައްޔިތުންނަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށް،" ޒީނާ ވިދާޅުވިއެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ހައްދުފަހަނައަޅާފައިވާ ޔަހޫދީ ދައުލަތުން ދެމުންދާ ހަމަލާތަކުގައި ކުށެއްނެތް އެތައްބަޔަކު ޝަހީދުވެ ގިނައަދަދެއްގެ މީހުންވަނީ ހާލުގައި ޖެހިފައެވެ.

އެގޮތުން ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 36,801އަށް އަރާފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 83,680އަށް އުފުލިފައެވެ. އދ.ން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމަށެވެ.

ފަލަސްޠީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމުގައި ދިވެހީން ދަނީ ނަމޫނާ ދައްކަމުންނެވެ.