ޚަބަރު

އިންކަމް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑިއަށް ބަދަލެއް ނާންނާނެ: މީރާ


އާމްދަނީން ޓެކްސް ދައްކާ ފަރާތްތަކުން ހުށަހަޅަންޖެހޭ ބަޔާން ހުށަހެޅުމާއި ފައިސާ ދައްކަންޖެހޭ ސުންގަޑި ކުރިއަށްއޮތް ޢީދު ޗުއްޓީއާ ދިމާވި ނަމަވެސް އެމުއްދަތު އިތުރުނުކުރާނެކަމަށް މީރާއިން ބުނެފިއެވެ.

މީރާއިން ބުނީ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން މިދިޔަ އަހަރަށް ޓެކްސް ދައްކާ ފަރާތްތަކުން ހުށަހަޅަންޖެހޭ އިންކަމް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދައްކަންޖެހޭ ސުންގަޑިއަކީ 30 ޖޫން 2024 ކަމަށެވެ. އަދި އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ހުރިހާ ފަރާތްތަކުން ވެސް އެ ފަރާތުން 2023 ވަނަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭތޯ ބެއްލެވުމަށްފަހު ސުންގަޑިއަށް ބަޔާން ހުށަހެޅުއްވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށްވެސް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މީރާއިން ވިދާޅުވީ ވިޔަފާރި އާމްދަނީ ލިބޭ ފަރާތްތަކުގެ ތެރޭގައި މާލީ ހިސާބުތައް އޮޑިޓްކޮށް އިންކަމްޓެކްސް ބަޔާނާއެކީ އޮޑިޓަރުގެ ރިޕޯޓު ހުށަހަޅަންޖެހޭކަމަށެެވެ. އަދި މިއީ އެކަށީގެންވާ ވަގުތުތަކެއް ނަގާނެކަމަކަށްވާތީ ދުރާލާ ތައްޔާރުވެ ސުންގަޑިއަށް ބަޔާން ހުށަހެޅޭނެ ގޮތަށް އެ ފަރާތްތަކުގެ މަސައްކަތްތައް ތަރުތީބުކުރުމުގެ މުހިއްމުކަން ފާހަގަކުރަށްވާފައެވަ.

މީރާއިން ވިދާޅުވީ އޮންލައިން ޕޯޓަލް "މީރާ ކަނެކްޓް" މެދުވެރިކޮށް މި ޓެކްސް ބަޔާންތައް ހުށަހަޅައި ފައިސާ ދެއްކޭނެ ކަމަށެވެ.