ޚަބަރު

ޕީއެސްއެމްގެ "ޔޫފޯރިއާ"އަށް ކުޑަކުދިންގެ ބޮޑު ތަރުޙީބެއް


  • ކުޑަކުދިން ޝައުގުވެރިވާނެ ގިނަ ގޭމުތަކެއް ކުރިއަށްގެންދިޔަ

  • މިއީ އާއްމުންގެ މެދުގައި ޔޫރޯ ފޯރި ގަދަކުރަން ކުރިއަށްގެންދިޔަ ހަވީރެއް

ޕަބްލިކް ސަރވިސް މީޑިއާއިން ޔޫރޯ ފުޓުބޯޅަ މުބާރާތާއި ދިމާކޮށް "ޔޫފޯރިއާ"ގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ ހަވީރެއް ބާއްވައިފިއެވެ. މިހަވީރަށް ގިނަ ޢަދަދެއްގެ ކުޑަކުދިން އާއިލާތަކާއެކު ގޮސްފައިވާއިރު މިހަވީރަށް ބޮޑު ތަރުހީބެއްވަނީ ލިބިގެން ގޮސްފައެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދިޔަ މިހަވީރުގައި ގިނަ ސްޓޯލްތަކާއެކު އެކި ކުޅިވަރުތައްވަނީ ކުރިއަށްގެންގޮސްފައެވެ. މިހަވީރާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން ޕީއެސްއެމްގެ ޕީއާރް އެގްޒެކެޓިވް ޒީކް ރިޒާ ބުނީ މިއީ ކުޑަކުދިންގެ ހަވީރެއް މިހާ ބޮޑުކޮށް އަދި ފޯރިގަދަކޮށް ޕީއެސްއެމުން ކުރިއަށްގެންދިޔަ ފުރަތަމަ ފަހަރުކަމަށެވެ. އަދި ކުޑަކުދިންގެ ހަވީރަށް އާއްމުންގެ ފަރާތުން ދެއްވި އެއްބާރުލުން ކުރިއަށް އޮތް ޔޫރޯފޯރިއަށް ދެއްވުމަށްވެސް ޒީކްވަނީ އެދިފައެވެ.

"ޔޫ ރޯ މުބާރާތުގެ ރައިޓްސް ޕީއެސްއެމަށް ލިބުމާއެކު ޕީއެސްއެމުން މަސައްކަތްކުރަނީ ކުރިއަށް އޮތް މުބާރާތަކީ ރައްޔިތުންގެ ބައިވެރިވުމާއެކު ފޯރިގަދަކޮށް ކުރިއަށް ގެންދެވޭ މުބާރާތަކަށް ހެދުން. މިހަވީރަކީވެސް އެގޮތުން ބާއްވާ ހަވީރެއް. ވަރަށް ގިނަ ކުޑަކުދިން އައިސް ވަރަށް އުފާކުރާތަން ފެނުނީމަ މަޤްސަދު ޙާސިލް މާބޮޑަށްވެސް ވެއްޖެ." ޒީކް ބުންޏެވެ.

މިހަވީރުގައި ބައިވެރިވުމަށް ދިޔަ ކުޑަކުދިންގެ މެދުގައިވެސް ފުޓުބޯޅަ ފޯރި ގަދަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ބައެއް ކުދިންވަނީ އެކުދިންގެ ޝުޢޫރު ޕީއެސްއެމާ ހިއްސާކޮށްފައެވެ.

"ޔޫރޯ މުބާރާތަކީ ވޯލްޑް ކަޕަށްފަހު ކޮންމެ ދެއަހަރަކުން އެއްފަހަރު ކުޅޭ މުބާރާތެއް. މިފަހަރު މުބާރާތުގައި ސަޕޯޓުކުރަނީ ޕޯޗުގަލްއަށް، ތަށިނަގާނީ ޕޯޗުގަލްއިން." ކުއްޖަކު ބުންޏެވެ.

"ސަޕޯޓު ކުރަނީ ޕޯޗުގަލްއަށް. ހުރިހާ މެޗަކުން މޮޅުވާނެކަމަށް ބަލަނީ." އެހެން ކުއްޖަކު ބުންޏެވެ.

ޔޫރޯއާ ގުޅިގެން ޕީއެސްއެމުން ޚާއްސަ ކަވަރޭޖެއް ގެނެސްދިނުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން މުބާރާތާ ގުޅޭ ހުރިހާ މަޢުލޫމާތެއް ގެނެސްދިނުމަށް ޕީއެސްއެމުން ވަނީ "ޕީއެސްއެމް ފޯރި 2024" ނަމުގައި ޚާއްސަ ކަވަރޭޖެއް ލޯންޗްކޮށްފައެވެ.

މިމަހުގެ 14 ވަނަ ދުވަހު ފަށާ ޔޫރޯގެ މެޗުތައް ލައިވްކޮށް، އެޗްޑީ ކޮލިޓީގައި ބެލުންތެރިންނަށް ގެނެސްދިނުމުގެ ރައިޓްސް ރާއްޖޭގައި އޮތް ހަމައެކަނި ފަރާތަކީ މިފަހަރު ޕީއެސްއެމްއެވެ.