ދުނިޔެ

އެމެރިކާގެ ރައީސް ޖަޕާނަށް ޒިޔާރަތް ކުރައްވަން ހަމަޖެހިއްޖެ


އެމެރިކާގެ ރައީސްބަރަކް އޮބާމާ، މި މޭމަހުގެ 27 ވަނަ ދުވަހު ޖަޕާނަށް ޒިޔާރަތް ކުރައްވާނެ ކަމަށް ވައިޓް ހައުސް އިން ބުނެފިއެވެ.

ވައިޓް ހައުސްގެ ތަރްޖަމާން ޖޯޝް އާނެސްޓް ވިދާޅުވީ 2 ވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އެމެރިކާއިން އޮޓޮމް ބޮމުންޙަމަލާދިން ޖަޕާނުގެ ރަށެއްކަމަށްވާ ހީރޯޝީމާއަށް މިދަތުރުފުޅުގައި އޮބާމާ ޒިޔާރަތް ކުރައްވާނެކަމަށެވެ. ނަމަވެސް އެޙަމަލާ ޖަޕާނަށް ދިން މައްސަލާގައި އޮބާމާ ޖަޕާންގެ ކިބައިން މައާފަށް އެދިވަޑައިނުގަންނަވާނެ ކަމަށް އާނެސްޓް ވިދާޅުވިއެވެ.

1945 ވަނަ އަހަރު ދެވަނަ ބޮޑުހަނގުރާމަ ނިމެން ގާތްވެފައިވަނިކޮށް އެމެރިކާއިން ވަނީ ޖަޕާނުގެ ހީރޯޝީމާއަށާއި ނަގަސާކީއަށް އެޓޮމްބޮމުގެ ޙަމަލާދީ ޖަޕާނުގެ ކުށެއްނެތް އާންމުންގެ އެތަށް ލައްކަ ބަޔަކު އެއްފަހަރާ މަރާލާފައެވެ. މިއީ އިންސާނީ ތާރީޚުގައިވެސް ޤައުމަކުން އަނެއް ޤައުމެއްގެ ރައްޔިތުންނާ ދެކޮޅަށް ދިން އެންމެ އަނިޔާވެރި އަދި އެންމެ ލޭއޮހޮރުވުން ބޮޑު ޙަމަލާއެވެ.

މިޙަމަލާއާއެކު އެމެރިކާވަނީ ދުނިޔޭގެ ތާރީޚުގައިވެސް އިންސާނުންނާ ދެކޮޅަށް އެޓަމިކް ހަތިޔާރުން ޙަމަލާދިން ފުރަތަމަ ޤައުމަށް ވެގެންގޮސްފައެވެ. ނަމަވެސް މިބޮޑުޖަރީމާއަށް މަޢާފަށް އެދުމަށް އެމެރިކާ ގެންދަނީ ތަކުރާރުކޮށް ދެކޮޅު ހަދަމުންނެވެ.