ޚަބަރު

ސިޔާސީ ގޮތުން އިސްކުރާނީ ރީތިގޮތުގައި މުޢާމަލާތު ކުރުން: ހީނާ


  • އެންމެ ބޮޑު ކާމިޔާބީ އަކީ އެއްގޮތެއްގައި ދެމިހުރުކަމަށް ހީނާ ވިދާޅުވި

  • ކުރިމަތިވެވަޑައިގަންނަވާ ފުރައްސާރައަށް ރައްދު ނުދެއްވާކަމަށް ވިދާޅުވި

ސިޔާސީގޮތުން ކުރިމަތިވާ ހަމަލާތަކަށް ރައްދުދެއްވަން ބޭނުން ނުވާކަމަށާއި އަބަދުވެސް އިސްކުރައްވާނީ ރީތިގޮތުގައި މުޢާމަލާތުކުރެއްވުމަށް ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ 'ޚިދުމަތްތެރިން' ޕްރޮގްރާމަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ހީނާ ވަނީ ސިޔާސީ މައިދާނަށް ނިކުމެވަޑައިގެންނެވި ގޮތާއި އެދާއިރާގައި ކުރިއަށް ވަޑައިގަންނަވާ ގޮތް ޙިއްސާކުރައްވާފައެވެ.

ހީނާ ވިދާޅުވީ، މަސައްކަތުގެ އެންމެ ބޮޑު ކާމިޔާބީއަކީ، އެއްގޮތެއްގައި ދެމިހުރުމަށް މަަސައްކަތްކުރެއްވުން ކަމަށެވެ.

ސިޔާސީ ދާއިރާގައި އިދިކޮޅުގައި މަސައްކަތްކުރުމާއި، އަންހެނަކު އެންމެ އިސް ސަފުގައި މަސައްކަތް ކުރުމަކީ ފަސޭހަކަމެއްނޫންކަން ހީނާ ފާހަގަކުރެއްވިއެވެ. ޚާއްސަކޮށް އަންހެނަކަށް ވީތީ، ސިޔާސީގޮތުން އެކިކަހަލަ ބަހުގެ ހަމަލާތައް ރައްދުވާކަމަށާއި، އެފަދަ ފުރައްސާރަތަކަށް ޖަވާބުނުދެއްވާ ކަމަށް ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު އިދިކޮޅު ޕާޓީގެ އިސް ސަފުގައި އެއްގޮތެއްގައި ދެމި ހުންނެވުނީ ވަރަށްގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ކަމަށެވެ.

" ސިޔާސީ ގޮތުން އަޅުގަނޑު އެހާ ބޭނުމެއްނޫން، އެއްވެސް މީހަކު އަޅުގަނޑާ ދިމާއަށް ހަޑިކޮށް ވާހަކަދެއްކިޔަސް، އޭގެ ރައްދުގަ ހުތުރުބަހުން މުއާމަލާމަލުތުކުރަން، އެއީ އަޅުގަނޑު ކުރާހިތްވާކަމެއް ނޫން، އަދި މިހާތަނަށް ކުރި ކަމެއްވެސް ނޫން. އަދި ކުރިއަށް އޮތްތަނުގައި ކުރަން ބޭނުންކަމެއް ވެސް ނޫން" ހީނާ ވަލީދު ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ރީތިގޮތުގައި މުޢާމަލާތު ކުރެއްވުމަކީ ކުރިއަށް ވަޑައިގަންނަވަން ފުރުސަތު ލިބިވަޑައިގެންނެވި ސަބަބެއްކަމަށެވެ.

މީޑިއާގެ ދާއިރާއިގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ހީނާ ވަލީދު ވަނީ ދައުލަތުގެ މީޑިއާގައި 17 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައެވެ.

ހީނާ އަކީ ކޮމިއުނިކޭޝަން އަދި ޖާރނަލިޒަމްގެ ދާއިރާއިން ތަޢުލީމް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ޕޮލިޓިކަލް ސައިންސް އެންޑް އިންޓަރނޭޝަނަލް އެފެއާޒްގެ ދާއިރާއިން މާސްޓާސް ހާސިލްކުރައްވަމުން ހީނާ ވަނީ ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުގެ މަޤާމްވެސް ފުރުއްވާފައެވެ. ހީނާއަކީ އެންސްޕާގެ ސީއީއޯ އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހު ސްޕޯސްޕަރސަންގެ އިތުރުން، ޕީޕީއެމްގެ ސްޕޯކްސް ޕާރަސަންވެސްމެއެވެ.