ކުޅިވަރު

ކެނެޑާ އަތުން ނެދަލަންޑްސްއަށް ފަސޭހަ މޮޅެއް


ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ނެދަލަންޑްސް އިން ފަސޭހަކަމާއެކު ކެނެޑާ ބަލިކޮށްފިއެވެ.

އަމިއްލަ ގައުމުގައި ކުޅުނު މި މެޗު ނެދަލަންޑްސް ކާމިޔާބުކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައިވަނީ ނެދަލަންޑްސްއިންނެވެ.

މެޗުގައި ނެދަލަންޑްސްގެ ހަތަރު ލަނޑުވެސް ފެނިގެންދިޔައީ ދެވަނަ ހާފުގައެވެ. އެގޮތުން ދެވަނަ ހާފު ފަށައިގެން 13 މިނެޓުގެ ތެރޭގައި ނެދަލަންޑްސްއިން ވަނީ ތިން ލަނޑު ޖަހާފައެވެ.

ނެދަލަންޑްސްގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައެވެ. އޭރިިއާ ބޭރުން ފޮނުވާލި ބާރު ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެމްފިސް ޑިޕާއިއެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން 45 ވަނަ ލަނޑެވެ. މި ލަނޑު ޖެހިތާ ހަތް މިނެޓު ފަހުން ނެދަލަންޑްސްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޖެރެމީ ފްރިމްޕޮންގެވެ.

ތިންވަނަ ލަނޑު މެޗުގެ 63 ވަނަ މިނެޓުގައި ވައުޓް ވާގޯސްޓް ކާމިޔާބުކޮށްދިންއިރު، އެ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ވާޖިލް ވެން ޑައިކެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ 83 ވަނަ މިނެޓުގައެވެ.

ޔޫރޯގެ ކުރިން އަންނަ ހޯމަ ދުވަހު އައިސްލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅުމަށް ނެދަލަންޑްސްއިން ވަނީ ނިންމާފައެވެ.