ޚަބަރު

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރަން އެންމެ މުހިއްމު ދައުރެއް އަދާކުރެވޭނީ ފަރުދުންނަށް: ވަޒީރު


  • ދަނޑުވެރިކަންކުރުމަށް އެހާރާއި މިހާރު ބޮޑެތި ބަދަލުތަކެއް އައިސްފި

  • ދަނޑުވެރިން މިއަދުވަނީ ބިދޭސީންގެ އަތްމައްޗަށް ދަނޑުތައް ދޫކޮށްލާފައި

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، ކިތަންމެ މޮޅު ޤާނޫނެއް ނުވަތަ ޤަވާއިދެއް އޮތްނަމަވެސް އެކަން އެންމެ ރަނގަޅުގޮތުގައި ތަންފީޒުކުރެވޭނީ އަމިއްލަ ފަރުދުންނަށް ކަމަށް ސިއްޙަތާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ ސުފުރާއާ ހަމައަށް އަންނަ ކާނާއަކީ ރައްކާތެރި އެއްޗެއްކަން ކަށަވަރުކުރުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއްކަމަށެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިއްޙަތާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ސަލާމަތް ސިއްޙަތެއްގައި ތިބުމަށް ރައްކާތެރި ކާނާއަކީ ކޮންމެހެން ބޭނުންކަމެއްކަމަށެވެ. މިކަން ދަނޑުވެރިންނާއި ގުޅިފައިވާއިރު، ދަނޑުވެރިކަމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެކި ބާވަތްތަކުގެ ދަނޑުވެރިކަން ކުރަމުންދާއިރު ދިވެހި ދަނޑުވެރިންގެ އަތްމަތިން ދަނޑުވެރިކަން ދޫކޮށްލާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ކުރިއާ ޚިލާފަށް މިހާރު ދަނޑުވެރިކަން ކުރުމުގައި ޙަރަކާތްތެރިވަނީ ބިދޭސީންކަމަށެވެ.

"ބޭރު ބަޔަކު މިއަދު ދަނޑުވެރިކަން ކުރަނީ، ބޭރު މީހުންނެއް ނުބަލާ އަޅަންޖެހޭ މިންވަރަށްތޯ އަޅަނީ، ބަލަންޖެހޭ ވަރަށް ނުބެލޭ. ދަނޑުވެރިކަންކުރުމަށް ބޭސް އަޅަންޖެހޭ މިންވަރަށް ނާޅާކަމުގެ ޝަކުވާ އެކި ފަރާތްތަކުން ކުރޭ. އެހެންނަމަވެސް އެއީ ފިޔަވަޅު އެޅުމަށް އަދި ޙައްލުކުރުމަށް އުނދަގޫކަމެއް." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ކިތަންމެ ވަރުގަދަ ޤާނޫނެއް އޮތްނަމަވެސް އެފަދަ ކަންކަން ހުއްޓުމުގައި އެންމެ އެދވޭ ބަދަލެއް ގެނެވޭނެ ބަޔަކީ އަމިއްލަ ފަރުދުންކަމަށެވެ. އެގޮތުން އެމީހަކު ކާންބޯން ބޭނުންކުރާ ބާވަތްތަކަކީ ރައްކާތެރި ބާވަތްތަކެއްތޯ ކަށަވަރުކުރަންޖެހޭކަމަށް ވިދާޅުވިއެވެ. ކޮންމެ ދަނޑުވެރިއަކުވެސް ފުރަތަމަ ވިސްނަންވާނީ ތިމާ އުފައްދާތަކެތިން އަނެކާގެ ސިއްޙަތަށް އެއްވެސް ގެއްލުމެއް ނުވާނެ ފަދަ ގޮތަކަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިދާއިރާއިން ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ 4 ބޭފުޅަކަށްވަނީ ޚިދުމަތުގެ އަގުވަޒަންކޮށްވަނީ އެވޯޑުދެއްވާފައެވެ.