ވިޔަފާރި

ކަރުދާސް ނޫޓްތައް ބޭނުންކުރެވޭ މުއްދަތު އިތުރުކުރައްވައިފި


މިހާރު ބޭނުންކުރަމުންދާ ކަރުދާސް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން ފަސް ރުފިޔާ ފިޔަވައި އެހެން ނޫޓުތައް ވިޔަފާރީގައި ބޭނުންކުރާ މުއްދަތު އިތުރުކުރައްވައިފިއެވެ. އެމް.އެމް.އޭއިން ވިދާޅުވީ، ވިޔަފާރީގެ މުޢާމަލާތްތަކުގައި ރަންދިހަ ފަހެއް ނޫޓު ސީރީޒާއި އެކު މިހާރު ބޭނުންކުރަމުންދާ ކަރުދާސް ނޫޓުތައް މިއަހަރުގެ ޖުލައި މަހުގެ 31 ގެ ނިޔަލަށް ބޭނުންކުރެވޭނެކަމަށެވެ.

މިހާރު ބޭނުން ކުރަމުންދާ ކަރުދާސް ނޫޓުތަކުގެ ތެރެއިން ކުރިން ބޭނުން ކުރަމުން އައި 5 ރުފިޔާގެ ނޫޓު ފިޔަވައި އެހެން ނޫޓް ބޭނުން ކުރުން މި މެއި މަހުގެ ނިޔަލަށް ބޭނުން ނުކުރާ ގޮތަށް ހެމަޖެއްސިވަކަން ހާމަކުރެއްވި ނަމަވެސް މިހާރު ހަމަޖައްސަވާފައިވަނީ އަންނަ ޖުލައި މަހުގެ ނިޔަލަށް ހުރިހާ ނޫޓެއްވެސް ބޭނުން ކުރެވޭ ގޮތަށެވެ.

މިގޮތަށް މުއްދަތު އިތުރުކުރެއްވީ، މިހާރު ދައުރުވަމުންދާ ކަރުދާސް ނޫޓު ސީރީޒްގެ ތެރެއިން ބޮޑު ބައެއް ލިބިފައިވީނަމަވެސް ބާކީ ހުރި ނޫޓުތައް ވިޔަފާރީގެ މުޢާމަލާތަކުގެ ތެރެއިން ބޭންކުތަކާއި އެމް.އެމް.އޭ މެދުވެރިކޮށް ރަންދިހަ ފަހެއް ނޫޓު ސީރީޒްއަށް ބަދަލުކުރުމަށް ޢާއްމުންނަށް އިތުރު ފުރުސަތެއް ދިނުމަށް ކަމަށް އެމް.އެމް.އޭއިން ވިދާޅުވެއެވެ. މިއަހަރުގެ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވިޔަފާރީގެ މުޢާމަލާތްތަކުގައި ބޭނުންކުރާނީ، ރަން ދިހަފަހެއް ނޫޓު ސީރީޒްއާއި ކަރުދާސް ނޫޓުގެ 5 ރުފިޔާކަމަށްވެސް އެމް.އެމް.އޭއިން ވިދާޅުވެއެވެ. މީގެ އިތުރަށް މިހާރު ބޭނުންކުރަމުންދާ ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 5 ރުފިޔާ ފިޔަވައި އެހެން ނޫޓުތަކަށް މިއަހަރުގެ އޮގަސްޓް މަހުގެ 1 ން ފެށިގެން 2021 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ގެ ނިޔަލަށް ބަދަލު ދެމުންދާނެކަމަށްވެސް އެމް.އެމް.އޭއިން ވިދާޅުވެއެވެ.