ވިޔަފާރި

ކުޑަކުދިންނަށް ޚާއްސަ އެކައުންޓެއް ބީއެމްއެލްއިން ތަޢާރަފްކޮށްފި


ބޭންކް އޮފް މޯލްޑިވްސްއިން ކުޑަކުދިންނަށް އަމާޒުކޮށްގެން ރާއްޖޭގައި ފުރަތަމަ ބޭންކް އެކައުންޓް ތަޢާރަފްކޮށްފިއެވެ. 

ބީއެމްއެލްއިން މިއަދު ތަޢާރަފްކުރި ކިޑްސް ސޭވަރ އެކައުންޓްގައި ކުޑަކުދިންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކޮށް އަދި ފަހަށް ރައްކާކުރުމުގެ ސަގާފަތެއް އާލާކުރުމަށް ބާރު އެޅުމުގެ ގޮތުން ޚާއްސަ ކަންތައްތަކެއް ހިމެނޭކަމަށް ބީ.އެމް.އެލްއިން ބުނެއެވެ. އަދި އުމުރުން އަށާރަ އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށްވެސް ބީއެމްއެލް ކިޑްސް ސޭވަރ އެކައުންޓެއް ހުޅުވޭނެކަމަށް އެބޭންކުން ބުނެއެވެ. އަދި މި އެކައުންޓް އޮޕަރޭޓްކުރެވޭނީ، އެ ކުއްޖެއްގެ މަންމަ، ބައްފަ ނުވަތަ ގާނޫނީ ބެލެނިވެރިއަކަށެވެ.

ކިޑްސް ސޭވަރ އެކައުންޓް ފަރުމާކޮށްފައިވަނީ، ދިގުމުއްދަތެއްގައި ކުދިންގެ މުސްތަޤްބަލަށްޓަކައި ރައްކާކުރާ ފައިސާ އެ ކުދިންނަށް އުމުރުން 18 އަހަރުވުމުން އެ ފައިސާގެ ބޭނުން ހިފޭގޮތަށެވެ. މި ގޮތުން މި އެކައުންޓްގައި ހުންނަ ފައިސާ މަތީ ތަޢުލީމް ހޯދުމަށް ބީއެމްއެލް އިން ދޫކުރާ ކިޔަވާ ލޯނުގެ އިކުއިޓީގެ ގޮތުގައިވެސް ބޭނުންކުރެވޭނެކަމަށް އެބޭންކުން ބުނެއެވެ. އަދި ބޭސްފަރުވާ އަށާއި ކުއްޖާގެ ކިޔެވުމަށް ކޮންމެހެން ކުރަންޖެހޭ ޚަރަދެއް ކުރުމަށްޓަކައި މިއެކައުންޓުން ކޮންމެ މަހަކު އެއްފަހަރު ބެލެނިވެރިޔާއަށް ފައިސާ ނެގުމުގެ ފުރުސަތު ލިބޭނެކަމަށްވެސް ބީ.އެމް.އެލްއިން ބުނެއެވެ.