ޚަބަރު

އެކަނި ދަތުރުކުރާ ރެފިއުޖީ ކުދިންނާއިމެދު ރައްކާތެރިވާންޖެހޭ


ބެލެނިވެރިންނާއި ނުލައި ޔޫރަޕްގެ ޤައުމުތަކަށް ދަތުރުކުރަމުންދާ ރެފިއުޖީ ކުޑަކުދިން ރައްކާތެރިކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް ޔުނިސެފުން ގޮވާލައިފިއެވެ.

އަމިއްލަ ޤައުމުތަކުގައި ކުރިޔަށްދާ ހަނގުރާމަތަކާއި ހަމަނުޖެހުމުން ސަލާމަތްވުމަށް، މިދިޔައަހަރު އެކަނިވެސް 95 ހާހަށްވުރެ ގިނަ ރެފިއުޖީ ކުޑަކުދިން ވަނީ ޔޫރަޕްގެ ޤައުމުތަކަށް ދަތުރުކޮށްފައެވެ. ޔުނިސެފުން ބުނީ މިގޮތަށް ދަތުރުކުރާ ކުޑަކުދިން އިންސާނީ ވަގުފާރިކުރާ މީހުންގެ ޝިކާރައަކަށް ވުމުގެ ބިރު ބޮޑުކަމަށެވެ. އިންޓަރޕޯލްއިން ބުނީ ޔޫރަޕަށް ދަތުރުކުރާ ކޮންމެ 9 ކުޑަކުއްޖެއްގެ ތެރެއިން 1 ކުއްޖެއް ވީނުވީ ގޮތެއް ނޭގި ގެއްލިފައިވާކަމަށެވެ. މިގޮތުން ސްލޮވޭނިއާގެ ރެފިއުޖީ ރެސެޕްޝަން ސެންޓަރުތަކަށް ދަތުރުކޮށްފައިވާ ކުދިންގެ ތެރެއިން 80 އިންސައްތަ ކުދިން ވަނީ ގެއްލިފައެވެ. އަދި ސްވިޑްންއަށް ދަތުރުކުރާ ކުދިންގެ ތެރެއިން 10 ކުދިން ގެއްލިގެން ކޮންމެ ހަފްތާއަކު ދަނީ ރިޕޯޓްކުރަމުންނެވެ. މިއަހަރުގެ ކުރީކޮޅު އެކަނިވެސް ޖަރުމަންވިލާތައް އެކަނިމާއެކަނި ދަތުރުކުރި ކުދިންގެ ތެރެއިން 4700 ކުދިން ވަނީ ވީނުވީ ނޭގި ގެއްލިފައެވެ.

އެކަނިމާއެކަނި ދަތުރުކުރާ ރެފިއުޖީ ކުޑަކުދިން ރައްކާތެރިކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް ޔުނިސެފުން ގޮވާލާފައި މިވަނީ ޔޫރަޕްގެ އިއްތިޙާދުގެ މެންބަރު ޤައުމުތަކުން މިފަދަ ކުދިން ރައްކާތެރިކުރުމަށް މިހާރަށްވުރެ ހަރުދަނާ ސިސްޓަމެއް ޤާއިމްކުރުމަށް މަޝްވަރާތައް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. މިގޮތުން ރެފިއުޖީން ރައްކާތެރިކުރުމަށް އެކުލަވާލެވީ ސިޔާސަތުތައް ވާންޖެހޭނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، އެކުދިންނަށް ފާގަތި ދިރިއުޅުމެއް ވާޞިލްކޮށްދިނުމަށް ބާރުއަޅާ ސިޔާސަތުތަކެއްގެ ގޮތުގައިކަމަށް ޔުނިސެފުން ފާހަގަކުރެއެވެ. އަދި ރެފިއުޖީ ކުޑަކުދިން ޔޫރަޕްގެ ޤައުމުތަކުގައި ރެޖިސްޓްރީކުރުމަށް ހޭދަވާ ވަގުތު މިހާރަށްވުރެ އަވަސްކުރަން ޖެހޭކަން ޔުނިސެފުން ފާހަގަކުރެއެވެ. 

މިހާރު ޔޫރަޕްގެ ޤައުމުތަކަށް ދަތުރުކުރަ ކުޑަކުދިން ރެސްޖިސްޓްރީކޮށް، ޔޫރަޕްގެ އެހެން ޤައުމުތަކަށް ބަދަލުކުރުމަށް 11 މަސް ހޭދަވެއެވެ. ޔުނިސެފުން ބުނީ މިމުއްދަތު ކުރުކުރުމަކީ އެކަނިމާއެކަނި ދަތުރުކުރާ ރެފިއުޖީ ކުދިން ރައްކާތެރިކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމަށެވެ.

މިދިޔަ އަހަރު އެކަނިވެސް ޔޫރަޕްގެ ޤައުމުތަކަށް 95 ހާސް ފައްސަތޭކައަށްވުރެ ގިނަ ރެފިއުޖީ ކުޑަކުދިން ވަނީ އެކަނި ދަތުރުކޮށްފައެވެ. މީގެ ތެރޭގައި އެންމެ ގިނައީ އަފްޣާނިސްތާނާއި ސޫރިޔާގެ ކުޑަކުދިންނެވެ. އަދި ބެލެނިވެރިންނާ ނުލާ ދަތުރުކުރާ ކުޑަކުދިންގެ ތެރޭގައި 14 އަހަރުން ދަށުގެ ގިނަ ކުޑަކުދިން ހިމެނޭކަމަށް އޮފިޝަލުން ވިދާޅުވެއެވެ.