ޚަބަރު

ޔޫރޯއާ ގުޅުވައިގެން ކުޑަކުދިންނަށް ޚާއްސަކޮށްގެން ޕީއެސްއެމްއިން ބާއްވާ "ޔޫފޯރިއާ" ހުކުރު ދުވަހު


  • ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި

  • ޔޫރޯއާއި ގުޅޭ ގޭމްތަކާއި ކުޑަކުދިން ޝައުގުވެރިވާ އެކި ޙަރަކާތްތައް އޮންނާނެ

ޔޫރޯ ފުޓްބޯޅަ މުބާރާތާ ގުޅުވައިގެން ކުޑަކުދިންނަށް ޚާއސަކޮށްގެން ޕީއެސްއެމްއިން ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

"ޔޫފޯރިއާ"ގެ ނަމުގައި ބާއްވާ މި ހަރަކާތް އޮންނާނީ ހުކުރު ދުވަހު ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތާއި ގުޅުވައިގެން ބާއްވާ މި ހަރަކާތުގެ ތެރެއިން ކުޑަކުދިންނާއި ގުޅޭ ގޭމުތަކާއި އިތުރު ޙަރަކާތްތަކާއި ތަފާތު އެކި ސްޓޯލްތައްވެސް ހުންނާނެއެވެ. އަދި ކުޑަކުދިންގެ ހަވީރު ޓީވީއެމްއިން ވަގުތުން ގެނެސްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޔޫރޯއާ ގުޅުވައިގެން ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ހަމަޖައްސާފައިވާއިރު، ޔޫރޯއާއި ގުޅިގެން ޕީއެސްއެމުން ޚާއްސަ ކަވަރޭޖެއް ގެނެސްދިނުމަށްވެސް ވަނީ ތައްޔާރުވެފައެވެެ. އެގޮތުން މުބާރާތާއި ގުޅޭ ހުރިހާ މަޢުލޫމާތެއް ގެނެސްދިނުމަށް ޕީއެސްއެމުން ވަނީ "ޕީއެސްއެމް ފޯރި 2024" ނަމުގައި ޚާއްސަ ކަވަރޭޖެއް ލޯންޗްކޮށްފައެވެ.

މިމަހުގެ 14 ވަނަ ދުވަހު ފަށާ ޔޫރޯގެ މެޗުތައް ލައިވްކޮށް، ފުރިހަމަ އެޗްޑީ ކޮލިޓީގައި ބެލުންތެރިންނަށް ގެނެސްދިނުމަށް ރާއްޖޭގައި ރައިޓްސް އޮތް ހަމައެކަނި ފަރާތަކީ މިފަހަރު ޕީއެސްއެމްއެވެ.