ޚަބަރު

ގްރޭޑް 6 އިން ފެށިގެން ވޮކޭޝަނަލް ތަމްރީން ހިންގަން މަސައްކަތް ކުރަނީ


  • ވޮކޭޝަނަލް ތަމްރީން ހިންގާ ފަރާތްތަކަށް ޚާއްސަ ޕްރޮގްރާމެއް ވަނީ ފަށާފައި

  • ނިޒާމު އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރާނެ

  • ގްރޭޑް 6 އިން 12އަށް ހުނަރު ދަސްކޮށްދޭ ޕްރޮގްރާމް ހިންގުމަކީ އަމާޒެއް

ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 6އިން ފެށިގެން ގްރޭޑް 12އާ ހަމައަށް، ތަޢުލީމީ ނިޒާމުގެ ތެރެއިން ދިރިއުޅުމުގެ ހުނަރު ދަސްކޮށްދޭ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމްތައް ހިންގުމަކީ ޢަމާޒެއްކަމަށް ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ.އަޙުމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ. ސްޓޭޓް މިނިސްޓަރ މިހެން ވިދާޅުވީ "ޑިވެލޮޕްމަންޓް އޮފް މޯލްޑިވްސް ނޭޝަނަލް ޓިވެޓް ޕޮލިސީ ފްރޭމްވޯރކް" ގެ ތަމްރީމް ޕްރޮގްރާމް ފައްޓަވައިދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ޕްރޮގްރާމަކީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއާއި، ކޮލަމްބޯ ޕްލޭން ސްޓާފް ކޮލެޖް ގުޅިގެން ރާއްޖޭގައި ފަށާފައިވާ މަސައްކަތެކެވެ. މި ތަމްރީނު ޕްރޮގްރާމް ކުރިޔަށްދަނީ ވޯރލްޑް ބޭންކްގެ މޯލްޑިވްސް އެންހާންސިންގ އެމްޕްލޯޔަބިލިޓީ އެންޑް ރެޒީލިއަންސް އޮފް ޔޫތު (މީރީ) ޕްރޮޖެކްޓްގެ އެހީތެރިކަމާއެކުއެވެ.

މިތަމްރީން ޕްރޮގްރާމް ފައްޓަވައިދެއްވާ ވާހަކަދައްކަވަމުން ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުޙައްމަދު ވަނީ، ސްކޫލް މާޙައުލުން ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމްތައް މިހާރަށްވުރެ އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ސްޓޭޓް މިނިސްޓަރ ވިދާޅުވީ ޓިވެޓް ދާއިރާތަކަށް އަހުލުވެރިކުރުމަށް ކީ-ސްޓޭޖް 3 އިން ފެށިގެން ކަރިކިޔުލަމަށް ޓިވެޓް ޕްރޮގްރާމްތައް އިންޓަގްރޭޓް ކުރުމަށްފަހު ކީ ސްޓޭޖް 4 ގައި ޓިވެޓްގެ އެކި ރޮނގުރޮނގުން މާއްދާތައް ކިޔަވައިދިނުމާއި އަދި ކީ ސްޓޭޖް 5 ގައި ޓިވެޓް ސްޓްރީމެއް ފެށުމުގެ ޚިޔާލު ގެންގުޅުއްވާ ކަމަށެވެ.

މި ހަފްލާގައި މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ދެއްވި ޚާއްސަ ވީޑިއޯ މެސެޖްގައި ވިދާޅުވީ ޤައުމީ ފެންވަރުގެ ޓިވެޓް ޕޮލިސީއެއް އޮތުން ވަރަށް މުހިންމުކަމަށެވެ. އެގޮތުން ބަދަލުވަމުންދާ ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރާއި މައުލޫމާތު ލިބިފައިވާ ފަރުދުންތަކެއް ބިނާކުރުމުގެ މުހިއްމުކަމަށާއި، ޕޮލިސީގެ ސަބަބުން އިޤްތިޞާދަށާއި ދިވެހިންނަށް ފާގަތި މުސްތަޤްބަލެއް ގެނުވާނެކަމަށެވެ.

މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ "ޓިވެޓް" ދާއިރާގެ ޕޮލިސީތައް ތައްޔާރުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ބަލައި، އެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ކުރިމަތިވާ މައްސަލަތަކާއި، ގޮންޖެހުންތައް ދެނެގަތުމުގެ އިތުރުން، މީގެ ކުރިން އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭންތައް ދިރާސާކޮށް، މުސްތަޤުބަލުގައި ބޭނުންކުރެވޭނެ ހަރުދަނާ ޓިވެޓް ޕޮލިސީ ޕްރޭމްވޯކެއް އެކުލަވާލުންކަމަށެވެ.

މި ޕޮލިސީ ފްރޭމްވޯކްގެ އެހީގައި މަސައްކަތްތެރިކަމާއިގުޅޭ ތައުލީމާއި ތަމްރީނު ދިނުމަށް ބޭނުންކުރާ ކަރިކިއުލަމްތައް އެކުލަވާލުމާއި، ސްޓްރެޓެޖިކް ޕްލޭންތައް ކުރިއަށް ގެންދިއުމާއި، ވަސީލަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށް މަގުފަހި ވެގެންދާނެއެވެ.

އަދި މަސައްކަތްތެރިކަމުގެ ސިނާއަތްތަކާއި ގުޅުން ބަދަހިކޮށް، ތަމްރީނުތައް ހިނގަމުންދާގޮތް ބަލައި، ތަމްރީންތަކުގެ ފެންވަރު ކަށަވަރުކުރުމާއި، ވަޒަންކުރެވޭނެ ނިޒާމެއް ޤާއިމްކުރާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ސްކިލް ޑިވެލޮޕްމަންޓް އޮތޯރިޓީން ވިދާޅުވެއެވެ.

5 ދުވަހުގެ މި ތަމްރީނު ޕްރޮގްރާމުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަންނީ ތަޖްރިބާކާރުން ސެޝަންތައް ނަންގަވައިދެއްވުމަށްވަނީ ހަމަޖެހިފައެވެ. މި ތަމްރީނު ޕްރޮގްރާމުގައި ޓިވެޓް ދާއިރާ އަށް ނިސްބަތްވާ 60 ފަރާތަކުން ބައިވެރިވެއެވެ