ޚަބަރު

މިޑިއާތަކަށް އިތުރު ފުރުޞަތުތައް ހޯދާދިނުމާއި ތަމްރީން ހޯދުމަށް ރާއްޖޭގެ ޓީމެއް ޕާކިސްތާނަށް


  • ޕާކިސްތާނުގެ މީޑިއާތަކާއެކު ރާއްޖެއަށް ފުރުޞަތު ހޯދުމަށް މަޝްވަރާކުރާނެ

  • ތަމްރީން ސެޝަންތައްވެސް ކުރިއަށްދާނެ

  • މިއީ 1 ހަފްތާގެ ދަތުރެއް

މީޑިއާ ދާއިރާއިން ރާއްޖެއަށް ތަމްރީންގެ އިތުރު ފުރުޞަތުތައް ހޯދާދިނުމަށް މަޝްވަރާކުރުމަށާއި، ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގެ ޓީމެއް ޕާކިސްތާނަށް ހިގައްޖެއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން، މޯލްޑިވްސް މީޑިއާ ކައުންސިލް އަދި މީޑިއާތައް ހިމެނޭގޮތަށް 10 މެންބަރުން މި ދަތުރުގައި ބައިވެރިވެއެވެ.

މި ދަތުރުގައި ޕާކިސްތާނުގެ ކޮމިއުނިކޭޝަން އަދި ބްރޯޑްކާސްޓިން ދާއިރާގެ އިސް ފަރާތްތަކާއެކު ބައްދަލުވުންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ބްރޮޑޯކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވިއެވެ. މަރިޔަމް ވަހީދާ ވިދާޅުވީ މި ބައްދަލުވުންތަކުގެ ބޭނުމަކަށް ވަނީ، ދެމެހެއްޓެނިވިގޮތެއްގައި ރާއްޖެއަށް ތަމްރީންގެ ފުރުޞަތުތައް ފަހިކުރުމަށް މަޝްވަރާކުރުންކަމަށާއި، ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާ ހަރުދަނާކުރުމަށް ޚިޔާލާއި ތަޖުރިބާ ހޯދުންކަމަށެވެ.

މި ދަތުރުގައި މީޑިއާ ޓްރެއިނިން ޕްރޮގްރާމްތައްވެސް ކުރިއަށްދާނެއެވެ. އެގޮތުން މީޑިއާގެ ޤާނޫނުތަކާއި ހަމަހަމަކަމާއެކު ޚަބަރު ފެތުރުމާއި، ސޯޝަލް މީޑިއާގެ ސަބަބުން ކުރާ އަސަރުތަކާއި ޓީވީއާއި އޮންލައިންތަކުގެ އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކުރުމާއި ގުޅޭ ތަމްރީންތައް ކުރިއަށްދާނެއެވެ.

އަދި މި ދަތުރުގެ ތަޖުރިބާތައް ރާއްޖޭގައި ހިންގާ ތަމްރީން ޕްރޮގްރާމްތަކާއި މީޑިއާތަކާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޕާކިސްތާނުގެ ސަރުކާރުގެ އެހީއާއެކު ކުރިއަށްދާ މި ދަތުރުގައި، މީޑިއާ ޓީމް ފުރުމުގެ ކުރިން ވަނީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް ރިޓަޔަރޑް މުޙައްމަދު ފައްޔާޒް ގިލާނީއާއި ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި ސަފީރު ވަނީ، ރާއްޖެއަށް މިފަދަ ފުރުޞަތެއް ފަހިކޮށްދެވުނީތީ އުފާކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއިންވަނީ، ރާއްޖޭގެ މީޑިއާތަކަށް މިފަދަ ފުރުޞަތުތައް ފަހިކޮށްދެއްވަމުންދާތީ ޝުކުރު އަދާކުރައްވާފައެވެ.

1 ހަފްތާގެ މި ދަތުރުގައި ބައްދަލުވުންތަކާއި ތަމްރީން ސެޝަންތައް ކުރިއަށްގެންދަނީ ޕާކިސްތާނުގެ އިސްލާމްއާބާދުގައެވެ.