ޚަބަރު

ކޯޕްރަލް ޒައިދާންގެ ޖަނާޒާ ރަސްމީ ޢިއްޒަތުގައި އުނގޫފާރުގައި ބާއްވައިފި


  • ޖަނާޒާ ބާއްވާފައިވަނީ ޒައިދާނުގެ އުފަން ރަށުގައި

  • ޖަނާޒާ ބާއްވާފައި ވަނީ ރަސްމީ ޢިއްޒަތުގެ ދެވަނަ ދަރަޖާގައި

  • ސިފައިންގެ އިތުރުން ޖަނާޒާގައި ގިނަ ޢަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައި

ރަސްމީ ޢިއްޒަތުގައި ކޯޕްރަލް މުޙައްމަދު ޒައިދާންގެ ޖަނާޒާ ބޭއްވުން. ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ލ.ކައްދޫގައި އަސްކަރީ ތަމްރީނެއް ފުރިހަމަކުރަމުން ދަނިކޮށް ނިޔާވި ކޯޕްރަލް މުޙައްމަދު ޒައިދާންގެ ޖަނާޒާ ރަސްމީ ޢިއްޒަތުގައި، އޭނާގެ އުފަށް ރަށް ރ.އުނގޫފާރުގައި ބާއްވައިފިއެވެ. ކޯޕްރަލް މުޙައްމަދު ޒައިދާންގެ ޖަނާޒާ ބާއްވާފައިވަނީ އަސްރު ނަމާދަށްފަހު، އުނގޫފާރު އިސްލާމީ މަރުކަޒުގައެވެ.

މި ޖަނާޒާގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފާއި، އެޖުޓަންޓް ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމާއި، ކޯސްޓްގާޑްގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް ބައިވެރިވެ ވަޑައިގެން، އާއިލާއާ ބައްދަލު ކުރައްވައި ވަނީ ތަޢުޒިޔާ ދަންނަވާފައެވެ. މި ޖަނާޒާއަށްފަހު ސަންދޯކުގައި އަޅާފައި އޮތް ދިވެހިރާއްޖޭގެ ޤައުމީ ދިދަ، ކޯޕްރަލް މުޙައްމަދު ޒައިދާންގެ ޢާއިލާއާ ވަނީ ހަވާލުކޮށްދެއްވާފައެވެ.

ޖަނާޒާއަށްފަހު ސަންދޯކުގައި އަޅާފައި އޮތް ދިވެހިރާއްޖޭގެ ޤައުމީ ދިދަ، ކޯޕްރަލް މުޙައްމަދު ޒައިދާންގެ ޢާއިލާއާއި ހަވާލުކުރުން.

ކޯޕްރަލް މުޙައްމަދު ޒައިދާން ނިޔާވީ، ސިފައިންގެ ހައި ރިސްކް ތަމްރީނެއް ފުރިހަމަ ކުރަމުން ދަނިކޮށް، މި މަހުގެ 2 ވަނަ ދުވަހު ލ.މާވަށްކައިރީ ކަނޑުގެ ސަރަހައްދުގައި ހިނގި ހާދިސާއެއްގައި، ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ލ.ގަން ރީޖަނަލް ހޮސްޕިޓަލްގައެވެ.

ކޯޕްރަލް މުޙައްމަދު ޒައިދާން ނިޔާވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، ހޯމަ ދުވަހުން ފެށިގެން ދެ ދުވަސް ވަންދެން ސިފައިންގެ ދިދަ، ސިފައިންގެ މަރުކަޒުތަކުގައި ވަނީ ބައި ދަނޑިއަށް ތިރިކޮށްފައެވެ.

ސިފައިން ހަތް ބަޑީގެ ސަލާމެއް އެރުވުން--

ކޯޕްރަލް މުޙައްމަދު ޒައިދާންގެ ޖަނާޒާ ބާއްވާފައި ވަނީ ރަސްމީ ޢިއްޒަތުގެ ދެވަނަ ދަރަޖާގައެވެ. މިޖަނާޒާގައި ސިފައިން ހަތް ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ.

ރ.އުނގޫފާރުގައި މިއަދު ބޭއްވި މި ޖަނާޒާގައި ސިފައިންގެ އިތުރުން، ރ. އުނގޫފާރުގެ ގިނަ ޢަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ.