ޚަބަރު

ރާއްޖެއިން މިއަދު 355 މީހުން ޙައްޖަށް ފުރައިފި، ފަހު ފްލައިޓް މިމަހު 10ގައި


  • ރާއްޖެއަށް ލިބިފައިވަނީ ޖުމްލަ 1150 ކޯޓާ

  • ޙައްޖަށް މީހުން ގެންދިއުމަށް 4 ފްލައިޓް ބާއްވާ

  • މިހާތަނަށް 615 މީހުން މިވަނީ ފުރާފައި

އަލަށް ލިބުނު 150 ކޯޓާގައި ޙައްޖަށްދާ މީހުން ހިމެނޭގޮތަށް، ޙައްޖުވެރިންގެ ފަހު ފްލަޓް މިމަހުގެ 10ވަނަ ދުވަހު ފުރާނެކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ޙައްޖަށް ދާ މީހުންގެ ދެވަނަ ފްލައިޓް މިހާރު ވަނީ ފުރާފައެވެ. ދެވަނަ ފްލައިޓްގައި 355 މީހުން ފުރިއެވެ.

ޙައްޖައް ދާ ދެވަނަ ގްރޫޕްގެ މީހުން ސަޢުދި އަރަބިއްޔާއަށް ފުރާފައިވަނީ މިއަދު ހަވީރު 15:25ގެ ފްލައިޓުންނެވެ.

ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ކަނޑައަޅާފައިވާ ރަސްމީ 1000 ކޯޓާގެ އިތުރުން، އިތުރު 150 ކޯޓާ މިއަހަރު ރާއްޖެއަށް ލިބިފައިވާ ކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއެވެ. މިއާއެކު ޙައްޖަށް މީހުން ފޮނުވުމަށް ޖުމްލަ 4 ފްލައިޓް ބޭއްވުމަށް ނިންމާފައިވާއިރު، މިހާތަނަށް 2 ފްލައިޓުގައި ޖުމުލަ 651 މީހުން ވަނީ ފުރާފައެވެ. ފުރަތަމަ ފްލައިޓްގައި ހުކުރު ދުވަހު ސަޢުދީއަށް ގޮސްފައިވަނީ 296 މީހުންނެވެ.

ޙައްޖު ކޯޕަރޭޝަންގެ ހެޑް އޮފް އޮޕަރޭޝަންސް އައިޝަތު ޤާހިރް ވިދާޅުވީ، އިތުރަށް ލިބުނު 150 ކޯޓާގައި ދާ މީހުން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10ވަނަ ދުވަހުކަމަށެވެ. މި މީހުންނަށް ބޭނުންވާ އިންތިޒާމްތައްވެސް މިހާރު ހަމަޖައްސަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ޙައްޖުވެރިންނަށް ދޭ ޚިދުމަތްތަކުގެތެރެއިން މިއަހަރު ވަނީ، އެމީހަކު ހުރި ތަނެއް ވަގުތުން ބަލާލެވޭގޮތަށް ޓްރެކަރ ދޭން ފަށާފައެވެ. ބޯޑިންޕާސްއާއެކު ރާއްޖެ އެއަރޕޯޓުން މި ޓްރެކަރ، ދަނީ ހަވާލުކުރަމުންނެވެ. އަދި މި ނޫންވެސް، ޙައްޖުވެރިންނަށް ބޭނުންވާ ޚިދުމަތްތަކާ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ އިންތިޒާމްތައް ސަޢުދީގައިވެސް ޙައްޖު ކޯޕަރޭޝަނުންވަނީ ފުރިހަމައަށް ޤާއިމުކޮށްފައެވެ.

"ކޮންމެ ގްރޫޕަކާއެކު ކޯޕަރޭޝަންގެ އެހީތެރިން އެބަ ދަތުރުކުރޭ. ހުރުމާ ކެއުމުގެ ކަންކަންވެސް ދިވެހިންނަށް ބޭނުންވާގޮތަށް ހަމަޖައްސާފައިވާނެ. އަދި ޞިއްޙީ ޙާލަތްތަކަށް ތައްޔާރުވެ ތިބުމަށް، ޑޮކްޓަރުންވެސް މި ޓީމްގައި ހިމެނޭ." ޙައްޖު ކޯޕަރޭޝަންގެ ހެޑް އޮފް އޮޕަރޭޝަންސް އައިޝަތު ޤާހިރު ވިދާޅުވިއެވެ.

ރާއްޖެއިން މިއަހަރު ޙައްޖަށްދާ މީހުންގެ ތެރޭގައި 50 މީހުންނަކީ ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ގެންދާ މީހުންނެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންފާ ވަޢުދުގެ ދަށުން، ފަގީރުންނަށް ޙައްޖުގެ އަޅުކަން އަދާކުރުމަށް ދޭ ފުރުޞަތެކެވެ.

މީލާދީގޮތުން މިއަހަރުގެ ޙައްޖު ދުވަހަކީ މިމަހުގެ 16ވަނަ ދުވަހެވެ.