ތަޢުލީމު

" ޕީއެސްއެމްއާއެކު މިއަހަރުގެ ކުޑަކުދިންގެ ދުވަސް ޚާއްޞަވޭ "


މިއަހަރުގެ ކުޑަކުދިންގެ ދުވަސް އެހެން އަހަރުތަކަށްވުރެ ޚާއްޞަވާ އެންމެ މުހިންމު އެއް ސަބަބަކީ، މިއަދަކީ ކުޑަކުދިން ބްރޯޑްކާސްޓްކުރާ ދުވަހުގެ ގޮތުގައި ޕީ.އެސް.އެމްއިން ހަމަޖެއްސެވުންކަމަށް ކުޑަކުދިންގެ ކަންކަން ރަނގަޅުކުރެއްވުމުގެ މަސްއޫލިއްޔަތު އުފުއްލަވާ ވަޒީރު ވިދާޅުވެއްޖެއެވެ. 

ޖެންޑަރ މިނިސްޓްރީ ހިންގެވުމާ ޙަވާލުވެ ހުންނެވި އެޓަރނީ ޖެނެރަލް އަލްއުސްތާޛު މުޙައްމަދު އަނިލް މިހެން ވިދާޅުވީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.

ޖެންޑަރ މިނިސްޓްރީ ހިންގެވުމާ ޙަވާލުވެ ހުންނެވި އެޓާރނީ ޖެނެރަލް އަލްއުސްތާޛު މުޙައްމަދު އަނިލް ދެއްވި ޚިޠާބުގައި ވަނީ ކުޑަކުދިންގެ ބްރޯޑްކާސްޓްކުރުމުގެ ދުވަސް، ކުޑަކުދިންގެ ދުވަހު ފާހަގަކުރާތީ، ޕީ.އެސް.އެމްގެ އިސްވެރިންނަށާއި އެންމެހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.އަލްއުސްތާޛު މުޙައްމަދު އަނިލް ވިދާޅުވީ ކުޑަކުދިންގެ ދުވަހަކީ، ވަރަށް ގިނަ ކުޑަކުދިން ޚާއްޞަ އުފާވެރިކަމެއް އިޙްސާސްކުރާ ދުވަހެއްކަމަށެވެ. 

"ވަރަށް ގިނަ ކުދިންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭ ދުވަހެއް. މިދުވަސް ފާހަގަކުރުމުގެ އެއް ބޭނުމަކީވެސް ކުދިންނަށް އުފާވެރިކަން ހޯދައިދިނުން. މިއަދުގެ މުނާސަބާ ދައުލަތުގެ އެކި މުއައްސަސާތަކާއި، ސްކޫލްތަކާއި، އަމިއްލަ ޖަމްޢިއްޔާތަކުން ކުލަގަދަކޮށް ފާހަގަކުރަނީވެސް މި ސަބަބަށްޓަކައި. މިފަދަ އުފާވެރި ދުވަހެއްގައި އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ އެއްކަމަކީ މިދުވަހުގެ އުފަލުގައި ހުރިހާ ކުދިން ބައިވެރިކުރުން. ހުރިހާ ޢުމުރުފުރައެއްގެ ކުދިންނަށްވެސް މި އުފާވެރިކަން ގެނެސްދިނުން. ޖިސްމާނީ ނުވަތަ ނަފްސާނީ ގޮތުން ތަފާތުތައް ހުރި ކުދިންވެސް މިދުވަހުގެ އުފަލުގައި ޝާމިލްކުރުން." ބަންޑާރަ ނައިބު ވިދާޅުވިއެވެ. 

މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިޢާރަކީ "އުފާވެރި ކުދިން، އުފާވެރި ޢާއިލާ، އުފާވެރި މުޖުތަމަޢު"އެވެ. މިޝިޢާރާ ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ އުފާވެރި މުޖުތަމައެއް ޤާއިމްވެގެންދާނީ މިއަދު ބޮޑެތިވަމުން އަންނަ ކުދިންނަކީ އުފާވެރި ބަޔަކަށް ހަދައިގެންކަމަށެވެ. އަދި އުފާވެރިކަން އެކުދިންނަށް ހޯދައިދީގެންކަމަށެވެ.އަލްއުސްތާޛު މުޙައްމަދު އަނިލް ދެއްވި ޚިޠާބުގައި ކުޑަކުދިން ބޮޑަތި މީހުންގެ ޢަމަލުތަކާއި މުޖުތަމަޢުގެ ކަންކަން ދަސްކުރާނެ މިންވަރުގެ މައްޗަށްވެސް ބައްލަވާލާލެއްވިއެވެ.

img:http://s1.psmnews.mv/images/660x400/14628715354077.jpg|ދިވެހިރާއްޖޭގެ އަޑުގެ ސްޓޫޑިއޯގައި ސްކޫލް ދަރިވަރަކު ޙަބަރު ހުށަހަޅައިދެނީ / ފޮޓޯ: ޕީއެސްއެމް

"ތަރުބިއްޔަތުގެ މާހިރުން އެންމެ އާއްމުކޮށް ވިދާޅުވާ އެއް ވާހަކަ މިފުރުސަތުގައި އަޅުގަނޑު ވެސް ތަކުރާރުކޮށްލުމަކީ މުހިއްމު ކަމެއް ކަމުގައި ދެކެން. އެއީ "ކުދިން ދަސްކުރާނީ އެކުދިންގެ މާހައުލުން ފެންނަ ކަންތައްތައް ކަން". މިޙަގީގަތް މިއަދު މުޖުތަމައުގެ ކޮންމެ ފަރުދަކުވެސް ގަބޫލުކުރަން އެބަޖެހޭ. ބޮޑެތި މީހުންގެ ފަރާތުން ކުދިންނަށް ރަނގަޅު ނަމޫނާ ދައްކަން އެބަޖެހޭ. އެކަކު އަނެކަކަށް އިހްތިރާމްކުރުމުގެ ރީތި ނަމޫނާ ބޮޑެތި މީހުންގެ ފަރާތުން ކުދިންނަށް ފެންނަންއެބަޖެހޭ. ހިނިތުންވުމާއި، އެކުވެރިކަމާއެކު އެހެން މީހުންނަށް އެހީތެރިވާ މަންޒަރު ކުދިންގެ ކުރިމަތީގައި މިއަދު ތަމްސީލްވާންޖެހޭ." ޙިތާބުގައި މިނިސްޓަރ ވިދާޅުވިއެވެ. 

އެޓާރނީ ޖެނެރަލް އަދި ޖެންޑަރ މިނިސްޓްރީ ހިންގެވުމާ ޙަވާލުވެ ހުންނެވި އަލްއުސްތާޛު މުޙައްމަދު އަނިލް ވިދާޅުވީ، އެހެން މީހުންނަށް ހިނިތުންވުމާއެކު އެހީތެރިވާ މަންޒަރުގެ ބަދަލުގައި، މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުން ފެންނަ މަންޒަރު ވަރަށް ތަފާތުކަމަށް. އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ބަދަލުގައި އެކެއްގެ ފަރާތުން އަނެކަކަށް މަލާމާތާއި، ފުރައްސާރަކުރުމުގެ ބަސްތައް ރައްދުކުރަމުންދާ މަންޒަރު ފެނުން ޢާއްމުވެފައިކަމަށެވެ. ޢާއިލާގެ އިތުރުން މުޅި މުޖުތަމަޢުއަކީވެސް ރަނގަޅު ނަމޫނާ ދައްކާ، ރަނގަޅު ސިފަތަކެއް ކުރިއަރުވަން މަސައްކަތްކުރާ މުޖުތަމަޢަކަށް ވުމަކީ ވަރަށް މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.