މާތްވެގެންވާ މައްކާގެ މަސްޖިދުލް ހަރާމް، ނުވަތަ ޙަރަމްފުޅުގެ ބިޔަ ދޮރާށިން ވަދެގެން ގޮސް، މާތްވެގެންވާ ކައުބަތުﷲ، ގެފުޅު ހަމަލޮލަށް ފެންނަ ވަގުތު ހިތަށް އެ ލިބެނީ ބަޔާންނުކުރެވޭ ފަދަ ފިނިކަމަކާއި އުފާވެރިކަމުގެ އިޙްސާސެކެވެ.
މި މާތް މިސްކިތުގެ ތަޅުން ހުރަސްކޮށް ގެފުޅާ ދިމާއަށް ދާއިރު ވަށައިގެން އޮންނަ މަޠާފް ނުވަތަ ޠަވާފްކުރާ ސަރަހައްދުގައި ފައިތިލަ ޖެހުމާއެކު އިޙްސާސް ކުރެވޭ އާދަޔާ ޚިލާފު ފިނިކަމަކީ އަޖައިބުކުރުވަނިވި ފިނިކަމެކެވެ. މައްކާގެ ހޫނުމިން 50 ޑިގްރީ ސެލްސިއަސް އިން މައްޗަށް އެރިނަމަވެސް ޙަރަމްފުޅުގެ ތަޅުމުގެ ފިނަކަމަކަށް ބަދަލެއް ނާދެއެވެ. ރޭގަނޑާއި ދުވާލުވެސް އެ ފިނިކަން އިޙްސާސްކުރެވެއެވެ. މިއީ އެއާ ކޮންޑިޝަނާއި ފިނިކުރެވޭނެ އެހެން ވަސީލަތްތަކުގެ ޒަމާނަކަށްވީނަމަވެސް މަޠާފްގެ ތަޅުންގަނޑުގެ އަޑީގައި އެފަދަ ފިނިކޮށްދޭނެ ނިޒާމެއް ގާއިމުކޮށްފައެއް ނުވެއެވެ.
މަޠާފްގެ ތަޅުމުގައި ހުންނަ ފިނިކަމުގެ އަސްލަކީ، ގެފުޅުގެ ވަށައިގެން ޖަހާފައި ހުރި ހުދު ކުލައިގެ ސަންގުމަރުމަރު ހިލައެވެ. މައްކާގެ ޙަރަމްފުޅު ސަރަހައްދަކީ ސަންގުމަރުމަރު ހިލަ ޖަހައިގެން މިހާތަނަށް ތައްޔާރުކޮށްފައި އޮތް އެންމެ ބޮޑު ސަރަހައްދެވެ. މައްކާގެ ހަރަމްފުޅުގައި ބޭނުންކުރުމަށް ގެންނަ މި ސަންގުމަރުމަރު ހިލަ ގެންނަނީ ގްރީކުންނެވެ. އެހެން ކުލަތަކާއި އެހެން ބާވަތްތަކުގެ ސަންގުމަރުމަރު ހިލަތަކާ މުޅިން ތަފާތު ހިލައެކެވެ. އަދި މިއީ މުޅި ދުނިޔޭގައި ވެސް ހުރި އެންމެ ހުދު ސަންގުމަރުމަރު ހިލަކަމަށްވެއެވެ. ސަންގު މަރުމަރު ހިލަ އުފެދިފައި ހުންނަ ގޮތުންނާއި އޭގެ ހުދުކަމުން، އިރުގެ ދޯދިތައް އެ ހިލައިގައި ޖެހުމާއެކު އެނބުރި ފަޒާގެ ތެރެއަށް އަރައިގެން ދެއެވެ. ނަތީޖާއަކަށް ވަނީ އެ ދޯދިތަކާ އެކުގައިވާ ހޫނުކަން އެ ހިލައިގައި ޖެހުމުން ހިލައިގައި ހަރުލުމުގެ ބަދަލުގައި އެނބުރި ފަޒާގެ ތެރެއަށް އަރައިގެން ދިއުމެވެ.
ތާސޮސް މަރުމަރު ހިލައިގައި އެކުލެވޭ ފުއްތަކަކީ ވެސް، އެހެން ބާވަތްތަކުގެ ސަންގުމަރުމަރު ހިލައިގައި އެކުލެވޭ ފުއްތަކަށްވުރެ މާ ކުދި ފުއްތަކެކެވެ. މި ބާވަތުގެ ސަންގުމަރުމަރު ހިލައަކީ، މިބާވަތްތަކުގެ ތެރެއިން ވެސް އެންމެ ވަރުގަދަ އެއްޗެވެ. މަޠާފްގެ ތަޅުމުގައި ޖަހާފައި ހުރި ތާސޮސް ސަންގުމަރުމަރު ހިލައިގެ ބޯމިނަކީ އެންމެ ފަސް ސެންޓިމީޓަރެވެ. މި ބާވަތުގެ ހިލައިގެ އެންމެ ޚާއްސަ އަނެއް ސިފައަކީ، އޭގައިވާ ފިނި ހިފެހެއްޓުމުގެ އާދަޔާ ޚިލާފު ގާބިލުކަމެވެ. ލޮލަށް ފާހަގަ ނުކުރެވޭހާ ހިމަހިމަ ލޯވަޅުތަކުގެ ޒަރީއާއިން، ޖައްވުގައި ހުންނަ ތެތްކަން ހިލައިގެ އެތެރެއަށް ދަމައިގަނެއެވެ. އޭގެ ސަބަބުންދުވާލުގެ ވަގުތުގައި ހިލައިގައި ފިނިކަމަށް ވުރެ، ރޭގަނޑުގެ ވަގުތުގައި އެ ބާވަތުގެ ހިލައިގައި ހުންނަ ފިނިކަން ގަދައެވެ. ނަމަވެސް ހުސްފައިގައި އުޅޭ މީހަކަށް ވެސް އުނދަގޫ ވާވަރަށް ފިންޏެއް ނޫނެވެ.
މަޠާފް ސަރަހައްދުގައި މީގެ އެތައް އަހަރެއް ކުރިން އޮންނަނީ ވެލި ލައި އޮމާންކޮށްފައެވެ. އަދި އޭގެ ފަހުން ތަޅުން އަޅައިފައި ވެސް ވަކި ދުވަސްވަރެއްގައި އޮތެވެ. މަޠާފްގައި މަރުމަރު ހިލަ ޖަހައި ޒީނަތްތެރިކުރީ އެއްފަހަރާ ގިނަ ބަޔަކަށް ޠަވާފް ކުރުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން، 1978ވަނަ އަހަރު ސައޫދީގެ އޭރުގެ ރަސްގެފާނު ޚާލިދު ބިން އަބްދުލް އަޒީޒް ފެށްޓެވި މަޝްރޫއުގެ ތެރެއިންނެވެ.
މަޠާފްގައި ތާސޮސް ސަންގުމަރުމަރު ހިލަ ޖަހާފައިވަނީ، އަޑީގައި އެތައް ނިޒާމެއް ގާއިމުކުރުމަށް ފަހުއެވެ. އެގޮތުން މަޠާފްގެ އަޑީގައިވާ ފެން ހިންދާ ނިޒާމް ފާހަގަކޮށްލެވެއެވެ. ވާރޭ ވެހުމުން މަޠާފް ސަރަހައްދަށް ޖަމާވާ ހުރިހާ ފެނެއް މަދު މިނެޓްކޮޅެއްގެ ތެރޭގައި ހިންދައިލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. މަޠާފްގެ އަޑީގައިވާ އަނެއް މުހިންމު ނިޒާމަކީ ޒަމްޒަމް ވަޅުން ފެން ނެގުމުގެ ނިޒާމެވެ. މައްކާއާއި މަދީނާގެ ހަރަމްފުޅަށް ބޭނުންވާ މިންވަރަށް ޒަމްޒަމް ފެން ނެގޭނެ ޒަމާނީ ވަސީލަތްތައް، މަޠާފްގެ އަޑީގައި ގާއިމުކޮށް، ޒަމްޒަމް ވަޅާ ވަނީ ގުޅާލާފައެވެ. އަދި ޒަމްޒަމް ވަޅުން ނަގާ ފެން، ހަރަމްފުޅުން ބޭރުގައި ގާއިމުކޮށްފައި ހުންނަ ޚާއްސަ މަރުކަޒަކަށް ޖަމާކުރުމަށް ފަހު، މައްކާގެ ހަރަމްފުޅުގެ އެކި ތަންތަނުގައި ހަރުކޮށްފައި ހުންނަ އިސްކުރުތަކަށް ފެން ފޮނުވޭނެ ނިޒާމު ވަނީ ގާއިމުކޮށްފައެވެ.