ޖިނާއީ ކުށްތައް ހުއްޓުވުމަށް ދިވެހިރާއްޖެއާއި ސްރީލަންކާއާއި ދެމެދު، އެހީތެރިކަމާއި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ޤާއިމުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވި ނިންމެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެއްވުމަށް ހުށައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
"ޓްރީޓީ ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރންމަންޓް އޮފް ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާ އޮން މިއުޗުއަލް ލީގަލް އެސިސްޓެންސް އިން ކްރިމިނަލް މެޓަރސް" ގައި ދިވެހިރާއްޖެއިން ސޮއިކުރެއްވުމަށް، ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހުށަހަޅުއްވާފައިވާ ކަރުދާހާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
މި ޓްރީޓީގެ ބޭނުމަކީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާއެކު، ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެޤައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއްޤައުމުން އަނެއް ޤައުމަށް ދިނުމެވެ. އަދި މި ޓްރިޓީގެ ދަށުން، އެޤައުމެއްގެ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިންނާއި އަދި މި ޓްރިޓީގެ މާއްދާތަކާ އެއްގޮތްވާގޮތުގެ މަތިން، ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ދޭންޖެހެއެވެ.
ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު މިއުޗުއަލް ލީގަލް އެސިސްޓެންސް އެއްބަސްވުމެއްގައި ސޮއިކުރެއްވުމުގެ ޢަމަލީ މަސައްކަތް ފެށިފައިވަނީ 2011 ވަނަ އަހަރުއެވެ.