ތަޢުލީމު

ކުޑަކުދިންގެ ހިޔާ: ރާއްޖެއަށް ވަރަށް މުހިއްމު ތަނެއް


ކުޑަކުދިންގެ ހިޔާގައި މިހާރުވެސް ސަރުކާރުގެ ފަރާތުން ބަލަމުންދާ ގިނަ ކުދިންތަކެއް އުޅެމުންދެއެވެ. އެގޮތުން ހުޅުމާލެ އާއި ވިލިމާލެއަށް އަޅުގަނޑުމެން ކުރި ޒިޔާރަތުގައި ގިނަ ކުދިންތަކަކާ ދިމާވިއެވެ. ވިލިމާލޭގައި ހެދިފައިވާ ކުޑަކުދިންގެ ހިޔާއަށް 10 އަހަރުފުރުމާއި ގާތްވެފައިވާއިރު މިތަނުގައި މިހާރު 67 ކުދިން އެބަތިއްބެވެ. މިހިޔާގައި ދިރިއުޅެނީ 9 އަހަރާއި 18 އަހަރާ ދެމެދުގެ ޢުމުރުގެ ކުދިންނެވެ. މިކުދިންގެ ހުރިހާ ކަމެއް ކޮށްދީ އެހީތެރިވަނީ ކުޑަކުދިންގެ ހިޔާގެ މުއައްޒަފުންނެވެ.

މިކުދިން ކޮންމެ ދުވަހަކުވެސް ރޭވިފައިވާ ތާވަލަކާ އެއްގޮތަށް ކަންތައްތައް ކުރަމުން ގެންދެއެވެ. ކުދިން ހެދުނު ހޭލައިގެން ޞިއްޙަތަށް ފައިދާ ހުރި ނާސްތާއަކަށްފަހު ދަނީ އެ ކުއްޖަކަ ޙަވާލުކުރެވިފައިވާ ތާވަލައިގެން ކުރިއަށެވެ. އަދި މިހިޔާގައި ދިރިއުޅޭ ކުދިންނަށް މުހިންމު އިންތިޒާމްތަކެއް ވަނީ ހިޔާގައި ހަމަޖައްސަވައިދެއްވާފައެވެ. އޭގެތެރޭގައި ކޮމްޕިއުޓަރ ލެބާއި ލައިބްރަރީއާއި ގޭމް ސްޓޭޝަންގެ ޚިދުމަތް ހިމެނެއެވެ. އެއްވެސް ކުއްޖެއް ބާކީނުކުރުމުގެ ސިޔާސަތު ތަންފީޒުކުރެއްވުމުގެ ގޮތުން މިހިޔާގައި ދިރިއުޅޭ ކުދިންނަކީ އެހެން ކުދިންނެކޭ އެއްފަދައިން ތަޢުލީމު ޙާސިލްކުރާ ކުދިންނެވެ. މިގޮތުން މިކުދިން ކިޔަވަން ގެންދަނީ ވިލިމާލޭގައި ހުންނަ މުޙްޔިއްދީން ސްކޫލަށެވެ. އަދި މިހިޔާއިން ގެންދަވަނީ ކޮންމެ 3 މަހުން އެއްފަހަރު މިތާނގައި ދިރިއުޅޭ ކުދިންގެ އުފަންދުވަސް ފާހަގަކުރައްވަމުންނެވެ. އަދި ހަމަ އެހެންމެ ކުޑަކުދިންގެ ހިޔާއިން ގެންދަވަނީ މިއަހަރުގެ ކުޑަކުދިންގެ ދުވަސް ވަރަށްވެސް ކުލަގަދަ ގޮތެއްގައި ފަހަގަކުރައްވަމުންނެވެ.

img:http://s4.psmnews.mv/images/660x400/14628620131929.jpg|ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާ

ކުޑަކުދިންގެ ހިޔާއަށް ކުރިމަތިވެފައިވައި އެންމެ ބޮޑު ދަތިކަމަކީ އެއްތަނެގައި އެކިޢުމުރުފުރާ ކުދިން ގެންގުޅެން ޖެހުންކަމަށް ކުޑަކުދިންގެ ހިޔާގެ ސީ.އީ.އޯ ޒީނާޒް ޢަދުނާން ވިދާޅުވިއެވެ. ޒީނާޒް ވިދާޅުވީ ކުޑަކުދިންގެ ހިޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ކޮންމެ ފަރާތަކަށްވެސް ކުރެވެން އޮތް ކަމެއްކަމަށެވެ. މިގޮތުން މިހިޔާގައި ދިރިއުޅޭ ކުދިންނަށް އެހީތެރިވުމުގެ ގޮތުން މިކުދިންނަށް ވާހަކަ ކިޔައިދީ، އަދި ތުއްތު ކުދިން ގޮވައިގެން ބޭރަށް ދިއުމީ ކުރެވިދާނެ ކަމެއްކަމަށް ޒީނާޒް ވިދާޅުވިއެވެ.

ހުޅުމާލޭގައި ހުންނަށް ކުޑަކުދިންގެ ހިޔާކަމަށްވާ ފިޔަވަތީގައިވެސް ނުވައަހަރުން ދަށުގެ 81 ކުދިން ތިބެއެވެ. ކޮންމެއަކަސް ކުޑަކުދިންގެ ހިޔާއަކީ އަޅުގަނޑުމެން ދިވެހި ރާއްޖެއަށް ވަރަށް މުހިއްމު ތަނެކެވެ. މިތާނގައި ދިރިއުޅޭ ކުދިންވެސް ނުހަނު މުހިންމު ތަނެކެވެ. މިހިޔާގައި ދިރިއުޅޭ ކޮންމެ ކުއްޖަކީ ދިވެހި މުޖުތަމަޢަށް ފައިދާ ހުރި ކުއްޖެއްގެ ގޮތުގައި ހެދުމަށް ކުޑަކުދިންގެ ހިޔާއިން ގެންދަވަނީ ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުންނެވެ.