ޚަބަރު

ދިވެހި 50 ޒުވާނުން އިންޑިއާއަށް


އިންޑިއާ މޯލްޑިވްސް ޔޫތް އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން ރާއްޖެއިން އިންޑިޔާއަށް ދާ ޒުވާނުން ފުރައިފިއެވެ.

މިއަދުން ފެށިގެން 8 ދުވަހުގެ މުއްދަތަށް އިންޑިއާއަށް ކުރާ މި ދަތުރުގައި ރާއްޖޭގެ ފަންސާސް ޒުވާނުން ބައިވެރިވެއެވެ. މި ޒުވާނުންނަށް އިންޑިއާގެ އާދަކާދައާއި ޘަޤާފަތާއިބެހޭ މަޢުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި އިންޑިއާގެ އާޘާރީ ގިނަ ތަންތަނާއި، ޘަޤާފީ ގިނަ ހަރަކާތްތައް ހިމެނޭ ސަރަޙައްދުތަކަށް މި ޓީމުން ޒިޔާރަތްކުރުމަށް ހަމަޖެހިފައިވެއެވެ. 

ރާއްޖެއާ އިންޑިޔާގެ ސަރުކާރުން ވެވަޑައިގަންނަވާފައިވާ އެއްބަސްވުމެއްގެ ދަށުން ދެޤައުމުގެ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ކުރިޔަށްގެންދެވޭ ޔޫތް އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން އިންޑިޔާގެ ޒުވާނުންގެ ޓީމެއް ވަނީ މިދިޔަ މަހުގެ ތެރޭ ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިޓީމުން މާލޭގެ މުހިންމު ތަންތަނާއި ކައިރި ބައެއް ރަށްތަކަށް ޒިޔާރަތްކޮށް، ރާއްޖޭގެ ޒުވާނުންނާއި ބައްދަލުކޮށް، އަދި ރާއްޖޭގެ އާދަކާދައާ ޘަޤާފަތާބެހޭ ގިނަ މަޢުލޫމާތުތަކެއް ހޯދާފައިވެއެވެ.