ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް ކުރާ ދަތުރުގެ އަގު 50،000 އަށް ކުޑަކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެވެ. ޝަކީލް މިހެން ވިދާޅުވީ މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި މައްކާގައި ހުންނަވާ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.
ރާއްޖެއިން މީހުން ޙައްޖަށް ދިއުމަށް ރައްޔިތުންކުރާ ހޭދަ ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއްކަން ފާހަގަކުރައްވާ ޝަކީލް ވިދާޅުވީ ރައީސްގެ އެ އެދިވަޑައިގަތުން ހާސިލްކުރުމަށްޓަކައި މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަނީ ކުރިއަށް އޮތް 3 އަހަރެއްހާ ދުވަހުގެ ތެރޭގައި ޙައްޖު ދަތުރުތަކުގެ އަގު ކުޑަކުރުމަށްކަމަށް ވިދާޅުވިއެވެ. ޝަކީލް ވިދާޅުވީ މިހާރު 69,965 ރުފިޔާއަށް ޙައްޖު ދަތުރުކޮށްދިންނަމަވެސް ކުރިއަށް އޮތް ތަނުގައި 50،000 ރުފިޔާއަށް ދަތުރުގެ އަގު ކުޑަކުރުމަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ.
" ލަސްތަކެއް ނުވެ ޙައްޖު ކޯޕަރޭޝަނަށް ހެޔޮ ބަދަލެއް އަންނާނެ. އެއާއެކު ރައީސްގެ ތަޞައްވުރާ އެއްގޮތަށް ޙައްޖަށް މީހުން ގެންދާ އަގު ކުޑަކުރެވިގެންދާނެ." ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވިއެވެ.
ޙައްޖު ކޯޕަރޭޝަން މިވަގުތު ހިންގަމުން ދަނީ ގެއްލުމެއްގައިކަން ފާހަގަކުރައްވާ ޝަކީލް ވިދާޅުވީ އެ ކުންފުންޏަކީ ފައިދާ ހޯދާ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކުންފުންޏަކަށް ހެދުމަށްވެސް މަސައްކަތް ކުރައްވަމުންދާކަމަށެވެ. އެގޮތުން ރިއަލްއެސްޓެޓް ވިޔަފާރީގެ ދާއިރާއަށް ވަނުމުގެ މަސަައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން ހުޅުމާލެއިން ބިމެއް ގަނެ އެތަން ތަރައްޤީކުރުމުގެ މަރުހަލާގައި އޮތްކަން ޝަކީލް ފާހަގަކުރެއްވިއެވެ. އަދި އެކުންފުނިން ޢުމްރާއަށް ގެންދާ މީހުންގެ އަދަދު އިތުރުކޮށްގެންވިޔަސް ކުންފުނީގެ އާމްދަނީ އިތުރުކުރުމަކީ އަމާޒެއްކަމަށް ވިދާޅުވިއެވެ. އަދި އެހެނިހެން ޖަމާޢަތްތަކުގެ ހަވާލުގައި އުމްރާގެ އަޅުކަން އަދާކުރުމަށް އަންނަ މީހުންގެ ޚިދުމަތްތައް ހަމަޖައްސައިގެން އާމްދަނީ އިތުރުކުުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.
ރާޢްޖެއިން ޙައްޖަށް މީހުން ގެންދާ އަގު ބޮޑުވުމަކީ އާންމުންގެ ބޮޑު ކަންބޮޑުވުމެކެވެ. އާންމުންގެ އެ ކަންބޮޑުވުން ހައްލުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނައިރު ޙައްޖު ކޯޕަރޭޝަންގެ ޙައްޖު ކިއު ކުޑަކުރުމަށާއި ޙައްޖަށް ގެންދިޔުމަށް އިތުރަށް ފައިސާ ނަގާ މައްސަލަ ޙައްލުކުރުމަށްޓަކައި ރާއްޖެއަށް ލިބޭ ޙައްޖު ކޯޓާ ހަމައެކަނި ޙައްޖު ކޯޕަރޭޝަނަށް ދިނުމަށް ސަރުކާރުންވަނީ ނިންމާފައެވެ. އަދި ރަސްމީ ކޯޓާގެ އިތުރަށް ކޯޓާ ލިބިއްޖެނަމަ ޙައްޖަށް މީހުން ގެންދިޔުމުގެ ފުރުޞަތު އަމިއްލަ ޖަމާޢަތްތަކަށް ދިނުމަށް ހަމަޖެހިފައިވަނީ ޙައްޖު ކޯޕަރޭޝަންގެ ލިސްޓުގައި ތިބި މީހުންގެ ތަރުތީބުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.