އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް، އައިޔޫއެމްއިން ގުރުއާން ހިތުދަސްކުރާ ފަރާތްތަކަށް އިތުރު އިމްތިޚާނެއް ހެދުމަކާއި ނުލައި ހާފިޒުކަމުގެ ސަނަދު ލިބޭގޮތަށް އުސޫލުތައް ބަދަލުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މި ބަދަލު ގެނެސްފައިވަނީ ޙާފިޡުން އިމްތިޙާނު ކުރުމުގެ އުސޫލަށްކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ޙާފިޡުން އިމްތިޙާނު ކުރުމަކީ ޙާފިޡުކަމުގެ އިމްތިޙާނު ކުރުމާއި، ޙާފިޡުކަމުގެ ސަނަދު ދިނުމާއި، ޙާފިޡުންނަށް ދައުލަތުން ތަޢާރުފާއި ނަން ޢިނާޔަތްތައް ދިނުމާއި، ޙާފިޡުންގެ ދަފުތަރު ބެލެހެއްޓުމުގެ މަސައްކަތް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ މެންޑޭޓުގައި ހިމެނިފައިވާ މަސައްކަތެއްކަމަށެވެ. އަދި މި އުސޫލަކީ އެ މަސައްކަތް ކުރިޔަށް ގެންދިއުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކުރުމަށް އެކުލަވާލާފައިވާ އުސޫލެއްކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ޙާފިޡުން އިމްތިޙާނު ކުރުމުގެ އުސޫލުތަކަށް ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ. މީގެކުރިން އޮންނަ ގޮތުން އައިޔޫއެމްއިން ގުރުއާން ހިތުދަސްކުރާ ފަރާތްތައްވެސް ސަނަދު ހާސިލުކުރުމަށް އިތުރު އިމްތިހާންތައް ހަދަންޖެހެއެވެ. ނަމަވެސް އުސޫލަށް މިހާރު ގެނެސްފައިވާ ބަދަލާއެކު އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް، އައިޔޫއެމްއިން ގުރުއާން ހިތުދަސްކުރާ ފަރާތްތަކަށް އިތުރު އިމްތިޚާނެއް ހެދުމަކާއި ނުލައި ހާފިޒުކަމުގެ ސަނަދު ލިބޭނެއެވެ.
އުސޫލަށް ގެނައި އެހެން ބައެއް ބަދަލުތަކުގެ ތެރޭގައި ރަށްރަށުގައި ތިބި ގުރުއާން ހިތު ދަސްކޮށް، މުރާޖައާކުރުމަށްފަހު ހަމައެކަނި އިމްތިހާން ހެދުމަށް މާލެ އަންނަ ގޮތަށް އުސޫލު ބަދަލުކުރުން ހިމެނެއެވެ. މީގެކުރިން އޮންނަަ ގޮތުން މުރާޖައާކުރުމަށްވެސް އަންނަންޖެހޭނީ މާލެއަށެވެ.
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގައި ރަޖިސްޓަރީކޮށްގެން ހިންގާ، ޤުރްއާން ހިތުދަސްކޮށްދޭ ކުލާހެއްގެ ދަރިވަރަކު ޙާފިޡުކަމުގެ އިމްތިޙާނު ކޮށްދިނުމަށް އެދި، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ނުވަތަ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ކަނޑައަޅައިފައިވާ ކޮމިޓީއަށް ހުށަހެޅުމުން، އެ ދަރިވަރަކު އިމްތިޙާނު ކޮށްދެވޭނެއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މި ގެނެވުނު ބަދަލުން ވަރަށް ބޮޑު ލުއި ފަސޭހަތަކެއް އަންނާނެކަމަށެވެ.