ޚަބަރު

މިއަދަކީ ޤައުމީ ފެންވަރުގައި ފާހަގަކުރާ ކުޑަކުދިންގެ ދުވަސް


މިއަދަކީ ޤައުމީ ފެންވަރުގައި ފާހަގަކުރާ ކުޑަކުދިންގެ ދުވަހެވެ. ކުޑަކުދިންނަކީ ޤައުމުގެ މުސްތަޤްބަލަށް އެންމެ މުހިންމު ރައޫސުލްމާލުއެވެ. ޤައުމުގެ ކުރިމަގު ބިނާވެގެންވަނީ މިއަދުގެ ކުޑަކުދިން ތަރުބިއްޔަތު ކުރެވޭ ގޮތެއްގެ މައްޗަށެވެ. ޤައުމާމެދު އެކުދިންގެ ވިސްނުން ބިނާކުރެވޭ ގޮތެއްގެ މައްޗަށެވެ.

ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރެއްވުމަށް އދ. އިން ނިންމެވި ނިންމެވުމާއެކު އެދުވަހަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރެވޭ ދުވަހެކެވެ. އެގޮތުން ދުނިޔޭގެ ހުރިހާ ޤައުމެއްގައިހެން އަހަރުގެ އެކި ހިސާބުތަކުގައި މިދުވަސް ފާހަގަކުރަމުން ގެންދެއެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ ކުޑަކުދިނަށް އެކުދިންނަށް ޙައްޤު އިޙްތިރާމް އަދާކޮށް، މުޖުތަމަޢުގައި އެކުދިންނަކީވެސް މުހިންމު ބައެއްކަން އަންގައިދިނުމެވެ. އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުވުމަށް މުޖުތަމަޢު ހޭލުންތެރިކޮށް، ޤައުމީ ފެންވަރުގައި ކުޑަކުދިންނަށް ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި އެންމެން ގުޅިގެން މަސައްކަތްކުރުމުގެ ރޫޙް އާލާކުރުމަކީވެސް މިދުވަސް ފާހަގަކުރުމުގެ އެއްބޭނުމެވެ.

އިޖްތިމާޢީ ނަޒަރުން ބަލާއިރު ރާއްޖޭގައި ކުޑަކުދިންނަށް ލިބެންވާ ޙިމާޔަތާއި ރައްކާތެރިކަމާއި އިޙްތިރާމް ލިބިދެވެއެވެ. އެހެންނަމަވެސް، ކުޑަކުދިންގެ ޙައްޤުތަކާ ފުށުއަރާފަދަ ޙާދިސާތައް މަދުންނަމަވެސް ހިނގައެވެ. ކުޑަކުދިންނާ ގުޅޭ މިބާވަތުގެ މައްސަލަތަކަކީ ދައުލަތުގެ މުއައްސަސާތަކުން ވަރަށް ސީރިއަސް ގޮތެއްގައި ބައްލަވަމުންދާ މައްސަލަތަކެކެވެ. އަދި މުޖުތަމަޢުގެ އަފުރާދުން މިފަދަ މައްސަލަތަކަށްދޭ ޚާއްޞަ ސަމާލުކަމަކީ ކުޑަކުދިންނާމެދު މުޖުތަމަޢުން ބަހައްޓާ ސަމާލުކަން ހާމަވެގެންދާކަމެކެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، ކުޑަކުދިންނަށް މުޖުތަމައުގައި ޚާއްޞަ އުސޫލަކުން ޢަމަލުކުރުމަށް ދިވެހިރާއްޖޭގެ ޤާނޫނު ލާޒިމުކުރެއެވެ. އެގޮތުން 1991 ވަނައަހަރުން ފެށިގެން ކުޑަކުދިންގެ ޙައްޤުތަކާބެހޭ ޤާނޫނެއް ފާސްކުރައްވައި ޢަމަލުރައްވަން ފަށްޓަވައިފައިވެއެވެ. އެގޮތުން ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށާއި، ސިއްޙަތު ރަނގަޅު ބައެއްގެ ގޮތުގައި ބެލެހެއްޓުމަކީ މައިންބަފައިންނާއި، ދިވެހި ސަރުކާރުގެ މައްޗަށް މިޤާނޫނު ލާޒިމުކުރާކަމެކެވެ. މީގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ފަރާތްތަކާމެދު ޚާއްޞަ އުޞޫލަކުން ޢަމަލުކުރުމަބެހޭ ޤާނޫނާއި، އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުންވެސް ކުޑަކުދިންނަށް ޚާއްޞަ ރައްކާތެރިކަމެއް ލިބިދެއެވެ. ކުޑަކުދިންކުރާ ކުށްތަކުގެ މައްސަލަތައް ބެއްލެވުމަށް ޖުވެނައިލް ކޯޓްގެ ނަމުގައި ޚާއްޞަ ކޯޓެއް ވަނީ ޤާއިމުކުރެވިފައެވެ. އަދި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނެއް އެކުލަވާލެއްވުމުގެ މަސައްކަތް ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ތެރޭގައި ހިމަނުންވައިގެން ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.

ތައުލީމީގޮތުން ބަލާއިރު ކުޑަކުދިން ސްކޫލަށް ފޮނުވައި ތަޢުލީމު އުނގަންނައިދިނުމަކީ މައިންބަފައިން ނުވަތަ ބެލެނިވެރިންނަށް ލާޒިކުރާކަމެކެވެ. ސަރުކާރުން ފަށްޓަވައިފައިވާ އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާޞަތުގެ ދަށުން މުޖުތަމުއުގެ ހުރިހާ ކުޑަކުދިންނަށް ތަޢުލީމަށް ވާޞިލުވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ޤައުމުގެ މުސްތަޤްބަލް ބިނާކޮށް، ދިވެހިންގެ ރާއްޖެ ދިވެހިވަންތަ އުޞޫލުތަކުގެ މަތީގައި އަންނަން އޮތް ޖީލުތަކަށް ވާސިލްކޮށްދިނުމަށް ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށް، ޤައުމިއްޔަތުގެ ލޯބި އެކުދިންގެ ހިތްތަކުގައ އަށަގެންނުވުމަކީ ނުހަނު ބޭނުންތެރިކަމެކެވެ. ކުޑަކުދިންގެ ދުވަސް ފާހަގަކުރަމުންދާއިރު މިފަދަ ޤައުމީ ޢަޒުމެއްގައި ދަރިން ތަރުބިއްޔަތުކޮށް، އެކުދިންނަށް ލިބެންވާ ޙިމާޔަތާއި ރައްކާތެރިކަމާއެކު ބޮޑުކުރުމަކީ ކޮންމެ މަންމައަކާއި ބައްޕައެއްގެ ޢަޒުމަކަށް ހެދުން މުހިންމެވެ.