ޚަބަރު

"އެއްފަސްކުރުމުން ތަރައްޤީގެ މަސައްކަތް ހިންގެވުމަށް ފަސޭހަވާނެ"


އާބާދީއާއި ތަރައްޤީ އެއްފަސްކުރެވޭ ރަށްތަކުގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ކުރިއަށްގެންދެވުމަށް ސަރުކާރަށް ފަސޭހަވެގެންދާނެކަމަށް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. 

ގާދޫ ރައްޔިތުން ފޮނަދުއަށް ބަދަލުކޮށް ނިންމެވުމުގެ ގޮތުން ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވެވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވަނީ ގާދޫ ފަދަ، އާބާދީގެ ގޮތުން ކުޑަ ރަށްތައް އެއްފަސްކުރުމަކީ ރާއްޖޭގެ ތަރައްގީއަށް ކުރެވޭ އެންމެ މުހިއްމު އެއްކަންތަކުގެ ގޮތުގައި ސިފަކުރައްވާފައެވެ. ގައުމު ތަރައްގީކުރަން ބޭނުންވާނަމަ މިފަދަ ސިޔާސަތުތަކާއެކު ކުރިއަށް ދިއުމުގެ ރޫހު ހުންނަން ވާނީ ރައްޔިތުންގެ ކިބައިގައި ކަމަށާއި ސަރުކާރުން އެފަދަ ކަންކަމަށް އެހީތެރިވެދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ފޮނަދޫ ފަދަ ރަށްތަކުގައި ތަރައްގީގެ އިތުރު ބޮޑެތި މަޝްރޫއުތައް ފެއްޓެވުމަށް ސަރުކާރަށް ފަސޭހަ ވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ހުޅުމާލެ ޒުވާނުންގެ ސިޓީއެއްގެ ގޮތުގައި ތަރައްގީކުރައްވާ ހުޅުމާލެއަށް ރާއްޖޭގެ ކުޑަ އާބާދީތައް ހިމެނޭ ރަށްތަކުން ޒުވާނުން އަންނަން ދެއްވާ ދައުވަތާއެއްގޮތަށް ކުދި އާބާދީތަކުންވެސް ފޮނަދޫއަށް މީހުން އައުމަށް ދަޢުވަތު ދެއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިޖަލްސާގައި ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ، މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރައީސް ޔާމީންގެ އިސްނެންގެވުމުގެ މަތީން ކުދި ކުދި ރައްރަށުގައި މީހުން ދިރިއުޅުމަކީ ތަރައްޤީ އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ނުގެންދެވޭނެ ކަމެއް ކަމަށާއި، ހުޅުމާލެ ތަރައްގީ ކުރައްވައި، ފޮނަދޫ ފަދަ ބޮޑެތި ރަށްތަކަށް މީހުން ބަދަލުކުރައްވަމުން ގެންދަވަނީ އެފަދަ ތަރައްގީ ހޯއްދެވުމަށްކަމުގައި ވިދާޅުވިއެވެ. 

މިނިސްޓަރ ވިދާޅުވީ، ގާދޫ މީހުން ފޮނަދޫއަށް ބަދަލު ކުރެއްވުމަށް ގެންގުޅުއްވި އުސޫލަކީ، ރަށްރަށުން މީހުން ބަދަލުކުރުމުގެ ނަމޫނާއަކަށް ކުރިއަށްއޮތްތަނުގައި ބެލެވޭ ގޮތަށް ކުރެވުނު މަސައްކަތެއް ކަމަށެވެ. މުއިއްޒު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ރައީސް ޔާމީން ބޭނުންފުޅުވާ ތަރައްޤީީގެ ކުލަވަރު ރާއްޖޭގެ ހުރިހާ ހިސާބަކުން މިހާރު ފެންނަމުން ދާކަމަށެވެ.

މިޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޕީ.ޕީ.އެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ފޮނަދުއަކީ، މުޅި ދިވެހިރާއްޖެއަށް ބަލާއިރު، ކުށްމަދު ރަށެއްކަމަށާއި، ރާއްޖެއަށް ދިމާވެފައިވާ ނުރައްކާތެރިވަބާއެއް ކަމުގައިވާ މަސްތުވާތަކެތީގެ މައްސަލަ އެރަށުގައި ނެތްކަމަށް އޭނާ ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވީ، ގާދޫ ރައްޔިތުންނަށް ފޮނަދުއަށް މަރުހަބާ ވިދާޅުވާކަމަށެވެ. އޭނާ ވިދާޅުވީ، އާބާދީއާއި ތަރައްގީ އެއްފަސްވެގެން ނޫނީ، ރައީސް ޔާމީން ގެންނަވަން މަސައްކަތް ކުރައްވާ ތަރައްގީގެ މަޝްރޫއުތައް ކާމިޔާބު ނުވާނެކަމަށާއި، މީހުން މަދު ރަށްތަކުން ފޮނަދުއަށް އަބަދުވެސް މަރުހަބާ ކިޔާނެކަމަށެވެ.

ފޮނަދޫ ކައުންސިލުގެ ރައީސް އަޙްމަދު ރިޔާޒް ވިދާޅުވީ، ރާއްޖޭގެ އެހެންރަށްތަކުގައި ނުހިނގާފަދަ ގިނަ މަޝްރޫއުތަކެއް ފޮނަދޫގައި ހިނގަމުންދާކަމަށާއި، ގާދޫ މީހުން ފޮނަދުއަށް ބަދަލު ކުރެވިގެންދިޔުމަކީ، ފޮނަދޫގެ ތަރައްގީއަށްގެ ގޮތުން ލިބުނު ކުރިއެރުމެއްކަމަށެވެ. ރިޔާޒް ވިދާޅުވީ، ފޮނަދޫއަކީ ކުށްމަދު، އަމާން ވަޒީފާގެ ފަހިކަން އޮތްރަށަކަށް ވީހިނދު، ކުދި އާބާދީ ހިމެނޭ ރަށްތަކުން ފޮނަދޫއަށް ބަދަލުވުމަށް މަރުހަބާ ކިޔާކަމަށެވެ.

ގާދޫއިން ފޮނަދުއަށް ބަދަލުކުރެއްވި ސަތޭކަ އަށްގޭގެ ތެރެއިން ނިމިފައިވާ 85 ގެއަށް މިހާރު ވަނީ މީހުން ބަދަލުކޮށް ނިމިފައެވެ. އަދި އިތުރު ގެތައް އިމާރާތްކުރުމުގެ މަސައްކަތް މިހާރުވަނީ ފައްޓަވާފައެވެ.