މިސްކިތްތަކާއި ވެށި ސާފުތާހިރުކޮށް ދެމެހެއްޓޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިސްކިތްތަކާއި ވެށި ސާފުތާހިރުކޮށް ބެލެހެއްޓުމާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
މިސްކިތްތަކާއި ވެށީގެ ސާފްތާހިރުކަމާ ގުޅޭ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިސްކިތްތައް ވަރަށް ސާފްތާހިރުކޮށް ހުންނަތަން ދެކެން ބޭނުންވާ ކަމަށެވެ. ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ދިވެހިންނަކީ މިސްކިތްތަކަށް ވަރަށް ގަދަރުކުރާ ވަރަށް ރަނގަޅަށް ބެލެހެއްޓި ބައެއް ކަމަށް ވިދާޅުވި.
ކީރިތި ޤުރްއާނުންނާއި ރަސޫލާގެ ސުންނަތުން މިސާލުނަންގަވާ، މިސްކިތްތަކުގެ މާތްކަމާއި މިސްކިތްތައް ސާފުތާހިރުކޮށް ބެލެހެއްޓުމުގެ މުހިންމުކަމުގެ މައްޗައް ދީނީ ނަޒަރަކުން، ވަޒީރު ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، މިސްކިތުގެ ތެރެއަށް ވެއްޓިފައި އޮންނަ ކުނިކޮޅު ނަގާ ސާފްކުރުމަކީވެސް ހެޔޮ ކަމެއްކަމަށް ވިދާޅުވިއެވެ. އަދި މިސްކިތްތައް ލޯބިން ސާފްތާހިރުކޮށް ބެލެހެއްޓުމަކީ ސަވާބާއި ދަރުމަ ލިބޭކަމެއް ކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މިސްކިތްތައް ސާފްތާހިރުކޮށް ބެލެހެއްޓޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމަށެވެ.
" އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިވެގެން. އެހީތެރިވެގެން، އެއްބާރުލުންދީގެން، ތަފާތު ފިކުރުތައް އޮތްކަމުގައި ވިޔަސް މިކަންކަމަކީ އެންމެން އެކަމުގަ އެއްބަޔަކު އަނެއްބަޔަކަށް އެއްބާރުލުންދީގެން ކުރަންޖެހޭނެ ކަންކަން، މިއީ އަޅުގަނޑުމެންގެ ގައުމުގެ ބަހާތައް، އިސްލާމްދީނާއި، އެއްބައިވަންތަކަމާއި މިސްކިތްތައް ބެލެހެއްޓުމާއި އަޅުގަނޑުމެންގެ ގައުމުގެ ސާފްތާހިރުކަމާއި މިހުރިހާކަމެއް މިއީ އަޅުގަނޑުމެން ގުޅިގެން ކުރަންޖެހޭ ކަމެއް" ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވިއެވެ.
ވަޒީރު ޝަހީމް ވިދާޅުވީ، މިސްކިތްތައް ސާފުކުރުމުގެ މަސައްކަތާއި ދިވެހިން ހަވާލުވުމަކީ ވަރަށް އުފާކުރައްވާ ކަމެއްކަމަށާއި، މިސްކިތްތައް ސާފުކުރުމަކީ އެކަން ކުރާބަޔަކަށް އޭގެ ހެޔޮކަން އެކިގޮތްގޮތުން ލިބިގެންދާނެކަމެއްކަމަށެވެ.
މާލެ ސިޓީ ކައުންސިލުންވަނީ މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތްތަކެއް ފޮޅާ ސާފުކުރުމުގެ މަސައްކަތަށް ދިވެހިން އައްޔަނުކޮށްފައެވެ. މި ބައްދަލުވުމުކީ މިސްކިތްތައް ފޮޅާ ސާފުކުރުމުގެ މަސަކަތްކުރައްވާ ފަރާތްތަކަށް ޚާއްސަކޮށްގެން މާލެ ސިޓީ ކައުންސިލުން ބާއްވާ ބައްދަލުވުމެކެވެ. މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މިސްކިތްތައް ސާފުކުރުމަށް ދިވެހިންނާއި ހަވާލުކުރުމަކީ، އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރުގެ އިރުޝާދާއެކުކުރެއްވި މުހިންމު ކަމެއްކަމަށެވެ.
މޭޔަރު ވެސްވަނީ މިމަސައްކަތުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ އެއްބައިވަންތަކަމާއެކު މަަސައްކަތް ކުރުމަަށް އެދިވަޑައިގެންފައެވެ.
" މިއަދު އެބަ ޖެހޭ އަޅުގަނޑުމެން އެންމެން އަޒުމު ކަނޑައަޅަައިގެން އެކަކު އަނެކަކު ދެކެ ލޯތްބާއި އޯގާތެރިކަން ނޫންކަމެއް މިގައުމުގައި ނޯންނާނެ ގޮތަށް އަޒުމްކަނޑައަޅަން، ކާމިޔާބު ލިބޭނީ އެއިރުން" މޭޔަރު އާދަމް އާޒިމް ވިދާޅުވިއެވެ.
ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލުން ބަލަހައްޓަމުން ގެންދާ ހުޅުމާލޭގެ 10 މިސްކިތާއި މާލޭގެ 22 މިސްކިތް އަދި ވިލިމާލޭގެ ދެ މިސްކިތުގައި ފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރާނީ މުޅިން ވެސް ދިވެހިން ކަމަށެވެ.