ޚަބަރު

ޕީއެސްއެމްއާއި މީރާގެ މެދުގައި ތަޖުރިބާ ޙިއްޞާކުރައްވައިފި


މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ހިންގެވުމާއި މެނޭޖްކުރެއްވުމުގައި ބޮޑެތި ކާމިޔާބީތައް ޙާޞިލްކުރައްވާފައިވާތީ ޕީއެސްއެމްއާއި މީރާގެ މެދުގައި ތަޖުރިބާ ޙިއްޞާކުރުމުގެ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ. 

މީރާ ފާހަގަކުރެވިފައިވަނީ، ކުރު މުއްދަތެއްގެ ތެރޭގައި ހަރުދަނާ އުޞޫލުތަކެއްގެ ތެރެއިން ކަންކަން ރާއްވަވައި ތަންފީޒުކުރައްވައި، ނަތީޖާ ނެރުއްވަމުން އަންނަ މުއައްސަސާއެއްގެ ގޮތުގައެވެ. އަދި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއަކީ، މުޅި ދައުލަތުގެ މީޑިއާގެ ޚިދުމަތް ދިނުން ޤާނޫނަކުން ޙަވާލުކޮށްފައިވާ ކުންފުނިކަމަށްވެފައި، މި ކުންފުނީގެ ހިންގުމުގެ އުޞޫލުތަކާއި މެނޭޖްމަންޓަށް ކުރުމުއްދަތެއްގެ ތެރޭގައި ގިނަ ބަދަލުތަކެއް އައުމާއި ގުޅިގެން ހިންގުމުގެ ދުވެއްޔަށް އަސަރުކޮށްފައިވާ މުއައްސަސާއެކެވެ. 

މީރާއިން ހިންގުމުގެ މުހިންމު ތަޖުރިބާތަކެއް އެ އޮތޯރިޓީގެ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރާއި އިސް ވެރިން ވަނީ ޕީއެސްއެމްގެ ވެރިނާ ޙިއްޞާކުރައްވާފައެވެ. އަދި ޕީއެސްއެމްގެ އެންމެ އިސްވެރިން ވަނީ މީރާއިން ބައެއް ކަންކަން ޙައްލުކުރައްވަމުން ގެންދަވާ ގޮތާ ބެހޭގޮތުން މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރައްވައި، މުހިންމު މަޝްވަރާތަކެއް ކޮށްފައެވެ. އަދި މި ތަޖުރިބާ ބަދަލުކުރުމުގެ މަސައްކަތް ކުރިޔަށް އޮތްތާނގައިވެސް ކަނޑައެޅޭ އުޞޫލަކާ އެއްގޮތަށް ކުރިޔަށް ގެންދިއުމަށް ވަނީ މަޝްވަރާކުރެވިފައެވެ.