މިދިޔަ ހޯމަ ދުވަހު ކެރީބިއަންގެ ޤައުމެއްކަމަށްވާ އެންޓީގާ އެންޑް ބާބިޔުޑާގައި ފެށި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ މަހާސިންތާ މިއަދު ނިމުމަކަށް އައިސްފައިވާއިރު، މިފަހަރުގެ މަހާސިންތާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ބައިވެރިވެވަޑައިގެންނެވި ސިޑްސްގެ ފުރަތަމަ މަހާސިންތާއެވެ. މިފަހަރުގެ ކޮންފަރެންސްއަށް ވަޑައިގަތުމުގެ ކުރިންވެސް ރާއްޖޭގެ ވަފްދުން ސިޑްސްގައި ކުރާނެ މަސައްކަތްތަކާއި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކެއް ވަނީ ކަނޑައަޅާފައެވެ. އަދި މި ކޮންފަރެންސް ނިމުމަކަށް އައިސްފައިވާއިރު، މިފަަހަރުގެ ކޮންފަރެންސްއިން ހާސިލުކުރަން ބޭނުންވާ ގިނަ ކަންތައްތަކެއް ހާސިލުވެފައިވާކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.
އެންޓީގާ އެންޑް ބާބިޔުޑާގައި މިފަހަރު ކުރިއަށްދިޔަ ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް، ސިޑްސް ނުވަތަ ކުދި ޖަޒީރާ ޤައުމުތަކުގެ 4 ވަނަ މަހާސިންތާގެ ޝިއާރަކީ "ޗާރޓިންގ ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ ނުވަތަ ފާގަތިކަމާ ވިލުންތެރިކަން ހާސިލްކުރުމަށް ހިތްވަރާއެކު މަސައްކަތްކުރުމެވެ. މި އަހަރުގެ ސިޑްސް ކޮންފަރެންސްގައި ރާއްޖޭގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަތީ މި ޝިއާރާއި އެއްގޮތަށް ތިމާވެށީގެ ގޮތުން ނާޒުކު އަދި ކުދި ޤައުމުތަކަށް ފާގަތިކަމާއި، ވިލުންތެރިކަން ހާސިލްކުރުމަށް މަގުކޮށައިދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރުމުގެ އަޒުމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްކޮށް ހުންނެވި ރާއްޖޭގެ ވަފްދު ސިޑްސްއަށް ވަޑައިގަތީ ކުރާނެ ކަންތައްތަކާއި ހާސިލުކުރަން ބޭނުންވާ ކަންކަން ރައްޔިތުންނަށް ހާމަކޮށްދެއްވުމަށްފަހުއެވެ. އެގޮތުން މިފަހަރުގެ ކޮންފަރެންސްގައި އެންމެ ބޮޑަށް ވަކާލާތު ކުރައްވާނީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ ގޮތްތަކެއް ހަމަޖައްސަންކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
ސިޑްސް ކޮންފަރެންސް ނިމިގެންދާއިރު އެންމެ ބޮޑަށް ފާހަގަކޮށްލަންޖެހޭ ކަމަކީ ސަރުކާރުން ވިދާޅުވެފައިވާ ގޮތަށް ސިޑްސް ކޮންފަރެންސްގައި މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވުމެވެ. އެގޮތުން ސިޑްސް ކޮންފަރެންސްގެ ތެރެއިން އެތައް ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވިއިރު، ކޮންމެ ބަޔާނެއް އަދި ވާހަކަފުޅެއްގައިވެސް ސިޑްސްގެ ޤައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ ގޮތްތަކެއް އިންތިޒާމް ކުރެއްވުމަށް ގޮވާލެއްވިއެވެ. 5 ލައްކައެއްހާ މީހުން ދިރިއުޅޭ ދިވެހިރާއްޖޭގެ ހައްގުގައި ވަކާލާތު ކުރެއްވުމުގެ އިތުރުން، 60 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސިޑްސްގެ ޤައުމުތަކުގެ ހާލަތު ބަޔާންކޮށް އެ ރައްޔިތުންގެ ހައްގުގައިވެސް ދިޔައީ ވަކާލާތު ކުރައްވަމުންނެވެ.
މާލީ އެހީތެރިކަން ހޯދަން ބާރު އެޅުއްވުމުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަ ވަނީ ކަންކަން ފޮރުވުމުގެ ބަދަލުގައި ކަންކަން އޮތް ގޮތުގެ ހަގީގަތް ހާމަކުރައްވާފައެވެ. އެގޮތުން މިދިޔަ 30 ވަރަކަށް އަހަރު ތެރޭގައި ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކުން ދުނިޔެއަށް އެތައް ގޮވާލުންތަކެއް ގޮވާލަމުންދިޔަކަމަށާއި، ނަމަވެސް އެކަށީގެންވާ ގޮތެއްގައި ބައިނަލްއަޤްވާމީ މުޖްތަމައުއިން އެހީތެރިކަން ލިބިފައިނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ މުޖްތަމަޢުއިން ލިބެންޖެހޭ އެހީ ނުލިބޭނަމަ އެތައް މިލިއަން ބައެއްގެ ދިރިއުޅުމާއި ގެދޮރު ގެއްލިގެންދާނެކަމުގެ ނުރައްކާ އޮތްކަމުގެ އިންޒާރު އެމަނިކުފާނު ވަނީ ބައިނަލްއަޤްވާމީ މުޖްތަމަޢުއަށް ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުތަކުން ފާހަގަވި އަނެއްކަމަކީ ބައިނަލްއަޤްވާމީ މުޖްތަމަޢުއިން ސިޑްސްއާ މެދު ދެކޭ ގޮތް ބަދަލުކޮށް، ސިޑްސްގެ ޤައުމުތަކުންވެސް އެ ޤައުމުތަކުގެ އަމިއްލަ ފައިމައްޗަށް ތެދުވަން މަސައްކަތްކުރުމަށް ބާރު އެޅުއްވި އެޅުއްވުމެވެ. އެގޮތުން ސިޑްސްގެ ޤައުމުތަކަކީ ހަމައެކަނި ޗުއްޓީ ހޭދަކުރަން އޮންނަ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ މަންޒިލްތަކެއް ނޫންކަމަށާއި، އަދި ސިޑްސްއަކީ އެހީ ހޯދަން ސަލާންޖަހާ ޤައުމުތަކެއް ނޫންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައިނަލްއަޤްވާމީ މުޖްތަމަޢުއަށް އަންގަވައިދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވިދާޅުވީ ސިޑްސްގެ ޤައުމުތަކަކީވެސް އުމްރަނީގޮތުންނާއި އިޤްތިޞާދީ ގޮތުން ކުރިއެރުމާއި ފާގަތިކަން ހާސިލުކުރުމުގެ ޤާބިލްކަން ހުރި ޤައުމުތަކެއްކަމަށެވެ. އަދި އެކަމަށް ބޭނުންވަނީ ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އެހީތެރިކަންކަމަށާއި، އެހެންކަމުން ސިޑްސްގެ ޤައުމުތަކަކީ ތަރައްޤީގެ ބައިވެރިންގެ ގޮތުގައި ދެކުމަށް ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކޮށް ގޮވާލެއްވިއެވެ.
ރައީސުލްުޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ބައިވެެރިވެވަޑައިގެންނެވި ފުރަތަމަ ސިޑްސް މަހާސިންތާ ކާމިޔާބުކަމާއެކު ނިމިފައިވާއިރު، ރާއްޖެއިން މި ފަހަރުގެ ކޮންފަރެންސަށް ދިއުމުގެ ކުރިން ކަނޑައެޅިި އަމާޒުތަކަށް ވާސިލުވެ، ހާސިލުކުރަން ބޭނުންވި މުހިއްމު ވަރަށް ގިނަ ކަންތައްތަކެއް ހާސިލުވެފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.