ޚަބަރު

ޙައްޖު މޫސުމަށް 2،500 ޞިއްޙީ ޚިދުމަތްތެރިން ނެރެފި


ޙައްޖު މޫސުމުގައި ޙަރަކާތްތެރިވުމަށް 2،540 ޞިއްޙީ ޚިދުމަތްތެރިން ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ނެރެފިއެވެ.

ސަޢުދީ ރެޑް ކްރެސެންޓް އޮތޯރިޓީގެ ބެލުމުގެ ދަށުން ޙައްޖާ ދިމާކޮށް 100 ޞިއްޙީ މަރުކަޒު ހިންގާނެވެ. އަދި ޙައްޖުވެރިންނަށް ކުރިމަތިވާ ޞިއްޙީ މައްސަލަތައް ޙައްލުކުރުމަށް މަތީ ފަންތީގެ ބޭސްފަރުވާ ޞިއްޙީ ޚިދުމަތްތެރިން މެދުވެރިކޮށް ފޯރުކޮށްދޭނެއެވެ.

ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ވަނީ މި އަހަރުގެ ޙައްޖު މޫސުމުގައި ބޭނުންކުރުމަށް 320 އެމްބިއުލާންސް ތައްޔާރީ ޙާލަތަކަށް ގެނެސްފައެވެ. އޭގެ އިތުރުން ހަތް އެއަރ އެންބިއުލާންސާއި ދެ ހެލިކޮޕްޓަރު ވެސް ޞިއްޙީ ޚިދުމަތް ދިނުމަށް ވަނީ ތައްޔާރުކޮށްފައެވެ. އަދި 15 ސައިކަލާއި 150 ގޮލްފް ކާޓާއި 150 ކަރަންޓް ސްކޫޓަރާއި 27 ކަރަންޓް ބައިސްކަލާއި 10 އެންބިއުލާންސް ބަސް ވެސް މި އަހަރުގެ ޙައްޖު މޫސުމުގައި ބޭނުން ކުރާނެއެވެ.

ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން މަދީނާގައި ވެސް ޞިއްހީ ފަރުވާ ދޭނެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސައިފައެވެ. އެ ގޮތުން މަދީނާގައި 18 ޞިއްޙީ މަރުކަޒު ތައްޔާރީ ޙާލަތަކަށް ވަނީ ގެނެސްފައެވެ. އޭގެ އިތުރުން ޙައްޖުވެރިންނަށް ޞިއްޙީ މަޢުލޫމާތު ފޯރުކޮށްދިނުމަށް ޚާއްޞަ ޓީމުތަކެއް ވަނީ ނެރެފައެވެ. އެ ޓީމުތަކުން އެކި ބަސްބަހުން ޞިއްޙަތާބެހޭ މަޢުލޫމާތު ޙައްޖުވެރިންނަށް ފޯރުކޮށްދޭނެއެވެ.