ޚަބަރު

ޙައްޖަށްދާ މީހުންނަށް ޚާއްސަކޮށްގެން މަޢުލޫމާތު ދިނުމުގެ ސެޝަންތައް ފަށައިފި


  • ފުރަތަމަ މަޢުލޫމާތުދިނީ ހުކުރު ދުވަހު ދަތުރުކުރާ 288 މީހުންނަށް

  • އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވަނީ މަޢުލޫމާތުދެއްވާފަ

މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މަޢުލޫމާތު ދިނުމުގެ ސެޝަންތައް ފަށައިފިއެވެ.

އެގޮތުން އެންމެ ފުރަތަމަ ސެޝަން ޚާއްސަކޮށްފައިވަނީ އަންނަ ހުކުުރު ދުވަހު ފުރާ ފުރަތަމަ ގުރޫޕުގެ ޙައްޖުވެރިންނަށެވެ. މި ބައްދަލުބުމުގައި ދީނީ ސެޝަން ނަންގަވައިދެއްވީ ފުރަތަމަ ފުލައިޓްގައި ދަތުރުކުރައްވާ ޝެއިޚު މުޙައްމަދު ޠައްޔިބުއެވެ.

މި މައުލޫމަތު ދިނުމުގެ ބައްދަލުވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް އަލީ ސަޢީދުއާއި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ވަނީ ޙައްޖުގެ އަޅުކަމާ ގުޅޭ މަޢުލޫމާތުތައް ހިއްސާކޮށްފައެވެ. އެގޮތުން ޙައްޖުގެ ރުކުންތަކާއި ޙައްޖަށް ގޮސް އުޅޭއިރު ސަމާލުކަންދޭންވީ ކަންކަން ކިޔާދީފައިވެއެވެ. އަދި އިޙްރާމް ބަނދެގެން ހުރެ ސަމާލުކަންދޭންވީ ކަންކަން ޙައްޖުވެރިންނާ މީހުންނަށް ޙިއްސާކޮށްފައިވެއެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި ވަނީ ޙައްޖުގެ އަޅުކަމަށް ތައްޔާރުވާއިރު ސަމާލުކަންދޭންވީ ކަންކަމާއި ސިއްޙީގޮތުން ސަމާލުކަންދޭންވީ ކަންކަންވެސް ކިޔާދީފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވަނީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގައި ކީރިތި ރަސޫލާ ﷺ ގެ ސުންނަތާ އެއްގޮތަށް އިޚުލާސްތެރިކަމާއެކު ކުރުމަށް ނަސޭހަތްތެރިވެފައެވެ. ވަޒީރު ވަނީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖަށްދާ މީހުންނަށް ދަތުރުގައި ހިތްހަމަނުޖެހޭ ކަމެއް ދިމާވިނަމަވެސް ކެތްތެރިވުމަށް އިލްތިމާސްކުރައްވާފައެވެ.

"ބޮޑު ހޭދައެއްކޮށްގެން ޙައްޖަށް މިދަނީ. އެހެންކަމުން ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ބޭނުން ކުރަންޖެހޭ.ދަންވަރުގެ ހަމަހިމޭންކަންމަތީ ހަރަމްފުޅަށް ގޮސް ދުޢާކުރަންވީ. ވަގުތުގެ ބޭނުން ހެޔޮގޮތުގައި އަދާ ކުރަންވީ" އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.


މިއަހަރު ރާއްޖެއިން ހައްޖަަށްދާ ފުރަތަމަ ގުރޫޕްގައި 288 މީހުން ފުރައެވެ. ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. މީގެ އިތުރުން ދެން ތިބި ޙައްޖުވެރިންވެސް 2 ފްލައިޓަކަށް ބަހާލައިގެން ގެންދިޔުމަށް ހަމަޖެހިފައިވެއެވެ. މިއަހަރު ރާއްޖެއަށް ރަސްމީ ކޯޓާގެ ގޮތުގައި ލިބިފައިވަނަި 1000 ކޯޓާއެވެ.