ޚަބަރު

ރާއްޖޭގެ ބޮޑުބަޔަކަށް ހުދު ސަމާލު، ކުރިއަށްއޮތް 2 ދުވަހުވެސް ކަނޑުތައް ގަދަވާނެ


  • ހުދު ސަމާލު ނެރެފައިވަނީ މިރޭ 00:30 އަށް

  • ވާރޭވެހުން މަދުވިނަމަވެސް ހޮނިހިރު ދުވަހާއި ހަމައަށް މަދުމަދުން ވާރޭ ވެހޭނެ ކަމަށް

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑުބަޔަކަށް ހުދު ސަމާލު ނެރެފިއެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށެވެ. ހުދު ސަމާލު ނެރެފައިވަނީ މިރޭ 00:30 އަށެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.

އެއިދާރާއިން ވިދާޅުވީ، ކުރިއަށްއޮތް 2 ދުވަހުވެސް ކަނޑުތައް ގަދަވާނެކަމަށެވެ. އަދި ވާރޭވެހުން މަދުވިނަމަވެސް ހޮނިހިރު ދުވަހާއި ހަމައަށް މަދުމަދުން ވާރޭ ވެހޭނެކަމަށެވެ.

ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.