ޚަބަރު

ކަރެކްޝަނަލް ސްޓަޑީޒްއިން ހިންގި 3 ކޯހެއް ނިންމާ، ސެޓްފިކެޓް ދީފި


އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒްއިން ހިންގި 3 ކޯހެއް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދެއްވައިފިއެވެ. 

މިކަމަށްޓަކައި މާފުށީ ޖަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ އިންސްޓިޓިއުޓުން ހިންގި ތަފާތު ތިން ކޯހުން ފާސްވި ސަތޭކައަށްވުރެ ގިނަ ބައިވެރިންނަށްވަނީ ސެޓްފިކެޓް ދެއްވާފައެވެ. އެއީ ކަސްޓޯޑިއަލް ސުޕަވިޝަންގެ ފުރަތަމަ ސެޓްފިކެޓް ކޯހާއި، ކޮމްޕިއުޓަރ އެޕްލިކޭޝަންގެ ފުރަތަމަ ސެޓްފިކޭޓްކޯހާއި ފެސިލިޓޭޓް ޓްރެއިނިންގ ކޯހެވެ. 

މި ރަސްމިއްޔާތުގެ ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ވިދާޅުވީ، ގައުމު ބިނާ ކުރުމުގައި ހަމައެކަނި ތަރައްގީ ކުރަން ޖެހެނީ އުމްރާނީ ވަސީލަތްތައް ނޫން ކަމަށާއި އިންސާނީ ވަސީލަތްތައްވެސް ތަރައްގީ ކުރަން ޖެހޭ ކަމަށެވެ. މިޖަލްސާގައި އެ އިންސްޓިޓިއުޓްގެ ކޯސް މެނޭޖްމެންޓް ސިސްޓަމް ވަނީ ލޯންޗްކޮށްފައެވެ.