ޚަބަރު

ރާއްޖޭގަ ބޭނުންކުރާ ސައްޙަކަން ކަށަވަރުނުވާ ޑޮމައިން ޕްލޭޓްގެ އަދަދު 700އަށް އަރާ: ވަޒީރު


  • ވަޒީރު ވިދާޅުވީ 1400 ޑޮމައިން ރާއްޖޭގައި ބޭނުންކުރާ ކަމަށް

  • ކަށަވަރުނުކުރެވޭ ނަންބަރުތައް ކެންސަލް ކުރާނެކަމަށް ވިދާޅުވި

  • 1 ނަންބަރާ 2 ނަންބަރުގެ ޑޮމައިން ވިއްކަން ހުޅުވާލަން ދަނީ ތައްޔާރުވަމުން

ރާއްޖޭގައި ބޭނުންކުރަމުންދާ ވެހިކަލް ޑޮމައިންތަކުގެ ތެރެއިން 700އެއްހާ ޑޮމައިންއަކީ ސައްޙަކަން ކަށަވަރު ނުވާ ޑޮމައިންތައްކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒާރާގެ މަސައްކަތަކުގެ ތަފްސީލް ޙިއްސާކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައެވެ.

ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ޙިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން 1400އެއްހާ ޑޮމައިން ރާއްޖޭގައި ބޭނުންކުރާކަން ހޯދިފައިވާކަމަށެވެ. މީގެތެރެއިން މިނިސްޓްރިއިން ދޫކޮށް، ސައްޙަ ޑޮމައިންގެ ގޮތުގައި ބޭނުންކުރަނީ 700 ޑޮމައިންކަމަށެވެ. ދެން ހުރި ޑޮމައިންތަކަކީ އެކަންކަމުގެ ރެކޯޑް އެކަށީގެންވާގޮތުގައި ބަލަހައްޓާފައި ނުވާތީ، އެއީ އޭގެ ސައްޙަކަން ކަށަވަރު ނުވާ ޑޮމައިންކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެތެރޭގައި އެއްވެސް ހުއްދައެއް ނެތި، އަމިއްލައަށް ނަންބަރު ހަދައިގެން އަޅުވައިގެން ބޭނުންކުރާ ޑޮމައިން ނަންބަރުތައްވެސް ހުރިކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.

"ސިސްޓަމުން ފެންނަން ނެތް ޑޮމައިންތައް އިޢުލާނުކޮށް، ސައްޙަކަން ކަށަވަރުކުރުމަށް ފުރުޞަތު ދޭނަން. ރެކޯޑް ކްލިއަރ ކުރާނަން. ސައްޙަ ނޫންކަން ޔަގީނުންވެސް ކަށަވަރުކުރެވޭ ނަންބަރުތައް ކެންސަލް ކުރާނަން." އަމީން ވިދާޅުވިއެވެ.

އައު ސަރުކާރު ހަވާލުވި އިރު، ކުރީގެ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ ސިޓީއަކުން އޮތީ ޑޮމައިންގެ ވިޔަފާރި ހުއްޓާލަން އަންގާފައިކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މިއީ ޤާނޫނުން ކަނޑައަޅާފައި އޮތް ޚިދުމަތްކަށްވާއިރު، މައްސަލައަކާ ގުޅިގެން ޑޮމައިން ދޫކުރުން އެއްކޮށް ހުއްޓާލާފައި އޮތުމަކީ ޙައްލު ނޫންކަމަށެވެ.

ސަރުކާރުން ވަނީ އިތުރަށް ޑޮމައިން ވިއްކަން ހުޅުވާލާނެކަން ޢިއުލާންކޮށްފައެވެ. ވަޒީރު ވިދާޅުވީ މިނިސްޓްރީގެ ތެރެއިން ބޭނުންކުރަމުންދާ ޕޯޓަލް ހަރުދަނާކުރުމުގެ މަސައްކަތާއެކު ޑޮމައިން ވިއްކުމަށް ފުރުޞަތު ހުޅުވާލާނެކަމަށެވެ.

"ކުރިން ވިއްކާފައިވަނީ 3 ނަންބަރާ 4 ނަންބަރުގެ ޑޮމައިން. އަލަށް ދޫކުރާ ނަންބަރުގެ ތެރޭގައި 1 ނުވަތަ 2 ނަންބަރުގެ ޑޮމައިން ވިއްކަން ހުޅުވާލާނަން." ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު އަމީން ވިދާޅުވިއެވެ.

ވެހިކަލް ޑޮމައިންއަކީ ވަކި އަދަދަކަށް ކަނޑައަޅާ ވިއްކާ ނަންބަރުތަކެކެވެ. މިއީ ސަރުކާރަށް އާމްދަނީއެއް ހޯދުމުގެ ގޮތުން ކުރާ މަސައްކަތެކެވެ.

ވެހިކަލް ޑޮމައިން ޕްލޭޓްގައި ހިމެނެނީ ހަމައެކަނި އުޅަނދު ނަންބަރެވެ. ވެހިކަލް ރެޖިސްޓްރޭޝަންގެ ތަފްސީލް ހިމަނާފައެއް ނުހުންނާނެއެވެ. ނަމަވެސް އެ ގަންނަ މީހުންނަށް މާކެޓުގައި ބޮޑު އަގުގައި ޑޮމައިން ވިއްކުމުގެ ފުރުޞަތު އޮވެއެވެ.