ޚަބަރު

ސްޕެޝަލް އިކޮނޮމިކް ޒޯންތަަކަކީ އިޤްތިޞާދު ސިންދަފާތުކުރުމަށް ލިބޭނެ ބާރެއް: ރައީސް


  • އިޤްތިޞާދު ސިންދަފާތުކުރުމަށް ރާއްޖެއިން ކުރާ މަސައްކަތަށް އަލިއަޅުއްވާލެއްވި

ރާއްޖޭގެ އިގްތިސާދު ސިންދަފާތުކުރުމަށް ފަށާފައިވާ މަސައްކަތާއެކު ރާއްޖޭގެ އިޤްތިޞާދަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކުދި ޖަޒީރާ ގައުމުތަކުގެ މަހާސިންތާ ނުވަތަ ސިޑްސްގެ ހަވާސާގެ ތެރެއިން ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޕްރައިވެޓް ސެކްޓަރ ފައިނޭންސްއާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތީ އުމްރަނީގޮތުން ޤައުމު ބިނާކުރުމުގެ އިތުރުން އިންސާނީ ވަސީލަތްތައްވެސް ތަރައްޤީކުރުމުގެ ވައުދާއެކުކަމަށެވެ. އަދި އުމްރަނީގޮތުން ޤައުމު ބިނާކުރުމުގެ އިތުރުން އިންސާނީ ވަސީލަތްތައްވެސް ތަރައްޤީކުރުމަކީ ޤައުމެއްގެ ދެެމެހެއްޓެނިވި ތަރައްޤީއާއި އިޤްތިޞާދީ ކުރިއެރުމަށް ވަރަށް މުހިއްމު ކަންތައްތަކެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުދި ޖަޒީރާ އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖޭގެ އިޤްތިޞާދުގެވެސް މައި ބަދަކަމަށެވެ. ނަމަވެސް އެއް ސިނާއަތަކަށް ބަރޯސާވެފައި އޮތުމުގެ ނުރައްކާ ކޯވިޑާއެކު ފެނިފައިވާކަމަށާއި، އެކަމަށް އޮތް ހައްލަކީ އިޤްތިޞާދު ސިންދަފާތުކޮށް، ޕްރައިވެޓް ސެކްޓަރ ފުޅާކުރުންކަމަށެވެ.

އިޤްތިޞާދު ސިންދަފާތުކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިގްތިސާދު ސިންދަފާތުވުމުން އިންސާނީ ވަސީލަތްތަކާއި އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެކަމަށެވެ. އަދި އިންސާނީ ވަސީލަތްތަކާއި އުމްރާނީ ވަސީލަތްތައް ތަރައްގީވެގެން ނޫނީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުނުކުރެވޭނޭކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިޤްތިޞާދު ސިންދަފާތުކުރުމުގެ މަސައްކަތާއެކު ވިޔަފާރީގައި ގެންގުޅޭ އުސޫލުތަކަށްވެސް ބަދަލުތަކެއް އަންނަންޖެހޭކަމަށެވެ. އަދި ޕްރައިވެޓް ސެކްޓަރގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ސަރުކާރުތަކައި އަމިއްލަ ވިޔަފާރިތަކާއި ދެމެދު ވަރުގަދަ ޕާޓްނަރޝިޕްތައް ޤާއިމްކުރަންޖެހޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިގްތިސާދު ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ޕްރައިވެޓް ސެކްޓަރުގެ ދައުރު ބޮޑުކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ، ސްޕެޝަލް އިކޮނޮމިކް ޒޯންތަކެއް ގާއިމްކުރުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ޕްރައިވެޓް ސެކްޓަރގެ ދައުރު ބޮޑުކުރުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިކޮނޮމިކް ޒޯނެއް ޤާއިމްކުރާނީ އެކި ދާއިރާތަކުން ރާއްޖެއަށް މުހިއްމު އިންވެސްޓްމަންޓްތައް އަންނާނެގޮތަށްކަމަށެވެ. އަދި އިޤްތިޞާދު ސިންދަފާތުކުރުމުގެ މަސައްކަތުގެ ތެރެއިން ފަތުރުވެރިކަމުގެ އިތުރުން، އެހެން ސިނާއަތްތައްވެސް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަަމުންދާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިގޮތުން އެއަރޕޯޓްތައް ތަަރައްޤީކުރުމާއި ސިއްހީ ޚިދުމަތްދޭ ތަންތަން ތަރައްޤީކުރުމާއި، ރިއަލް އެސްޓޭޓް ވިޔަފާރިއާއި ޓްރާންސްޝިޕްމަންޓް ބަނދަރުތަކާއި، މުވާސަލާތީ ޚިދުމަތްތަކުގެ ދާއިރާ ތަރައްޤީކުރުމަކީ އިޤްތިޞާދު ސިންދަފާތުކުރުމުގެ މަސައްކަތުގެ ތެރެއިން ކުރާ މުހިއްމު މަސައްކަތްތަކެއްކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިޤްތިޞާދު ސިންދަފާތުކޮށް، ފުޅާކުރުމުގެ މަސައްކަތަށް ބައިނަލްއަޤްވާމީ މާލީ އެހީތެރިކަން ބޭނުންވާކަމަށެވެ. އެހެންކަމުްނ މަލްޓިލެޓަރަލް ޑިވެލޮޕްމަންޓް ބޭންކުތަކާއި ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި ގުޅިގެން އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަސައްކަތްކުރަންޖެހޭކަމަށާއި، އަދި އެކަމުގައި ބައިނަލްއަޤްވާމީ މުޖްތަމަޢުން އެހީތެރިވެ، ތަރައްޤީއަށް ކުރާ ދަތުރުގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ގޮވާލެއްވިއެވެ.