ޚަބަރު

ދިވެހި ދައުލަތާއި ކުޅިވަރަށް ޙާފިޒް ވަނީ އަގުނުކުރެވޭ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައި: ރައީސް


  • ރައީސް ވަނީ ޙާފިޒްގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައި

  • ޙާފިޒްގެ ޚިދުމަތްތަކުގެ ހަނދާން އައުކުރެއްވި

ދިވެހިދައުލަތަށް 33 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ، އަޙްމަދު ޙާފިޒް އަވަހާރަވުމާއި ގުޅިގެން އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.

މީސްމީޑިޔާ މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެ ޙިއްޞާކުރެއްވި މެސެޖުގައި އަޙްމަދު ޙާފިޒަކީ ދިވެހި ދައުލަތަށް އަދި ޕީޕީއެމް، ޕީއެންސީއަށްވެސް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ޚާއްސަކޮށް ރާއްޖޭގެ ކުޅިވަރަށް އަގުނުކުރެވޭ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ. އަދި އެ މަރްޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، މަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވާފައިވެއެވެ.

އަޙްމަދު ހާފިޒް ނިޔާވި ޚަބަރު އެހީ ކުއްލި ހައިރާންކަމާއި ފުންހިތާމަޔާއިއެކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޙުސައިން މުޙައްމަދު ލަތީފުވެސްވަނީ މަރްޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ.

މަރްޙޫމް އަޙްމަދު ޙާފިޒް ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ 30 މެއި 1981ގައި، ފިޝަރީޒް ޑިވިޜަންގެ އެސިސްޓެންޓް ސްޓެޓީޝަންގެ މަޤާމުންނެވެ. ޖުމްލަ 33 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައި ވާއިރު އެމަނިކުފާނު ވަނީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރިކްރިއޭޝަންގެ މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމާއި އަދި ސަރުކާރުގެ އެކި ވުޒާރާތަކުގެ މަތީފަންތީގެ އެކި މަޤާމުތައް ފުރުއްވާފައެވެ. މީގެ އިތުރުން މަސްވެރިކަމަށް ޚިދުމަތް ކުރުމުގެ ރޮނގުން 1991 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު މަރްޙޫމް އަޙްމަދު ހާފިޒަށް ލިބިވަޑައިގެންފައިވެއެވެ.

ރާއްޖޭގެ ބާސްކެޓްބޯޅަ އެސޯށިއޭޝަނުގެ ރައީސްކަން ދެ ދައުރު ފުރުއްވި އަހުމަދު ހާފިޒަކީ ދިވެހި ބާސްކެޓު ކުރިއަރުވަން އަގުހުރި މަސައްކަތްތަކެއް ކުރެއްވި ޚިދުމަތްތެރިއެކެވެ.

ބާސްކެޓުބޯޅަ އެސޯސިއޭޝަން އުފެއްދެމުގެ މަސައްކަތަށް ފަހު ހާފިޒު ވަނީ 2008 ވަނަ އަހަރު ކުޅިވަރު އެސޯސިއޭޝަންތަކުގެ އަސާސީ ގަވާއިދު އިސްލާހުކޮށް އިންތިހާބު އެންމެ ފުރަތަމަ ބާއްވަން ފެށިއިރު، ފުރަތަމަ އިންތިޚާބުވި އެސޯސިއޭޝަންގެ ރައީސްގެ މަގާމު ފުރުއްވާފައެވެ. އޭގެ ކުރިން މިނިސްޓްރީގެ ފަރާތުން ހަމަޖައްސާ ފަރާތެއް އެސޯސިއޭޝަން ހިންގުމުގައި އުޅުނުއިރު، އެ މަސައްކަތްތަކުގައި ވެސް ހާފިޒް އިސްކޮށް ހުންނެވި އެވެ.

ބާސްކެޓުގެ ތާރީހުގައި 1991 ވަނަ އަހަރުން ފެށިގެން ގިނަ މަސައްކަތްތަކެއް ކުރެއްވި ހާފިޒު، ރައީސްކަމުގެ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތީ 2012 ވަނަ އަހަރުގައެވެ. އެއަށްފަހު އޭނާ ވަނީ 2016 ވަނަ އަހަރާއި ހަމަޔަށް އެސޯސިއޭޝަނުގެ އެންމެ އިސް ފަރާތުގެ ދައުރު އަދާކުރައްވާފައެވެ. އޭގެ ފަހުން، 1991 އަހަރުން ފެށިގެން، އެސޯސިއޭޝަންގެ މަސައްކަތް ފަށައި، ބާސްކެޓް ހަރަކާތްތައް ހިންގެވުމުގައި ހާފިޒް އިސްކޮށް ހަރަކާތްތެރިވި އެވެ.

ސައުތު އޭޝިއަން ބާސްކެޓްބޯޅަ އެސޯސިއޭޝަން (ސާބާ)ގެ ރައީސްކަން ވެސް ހާފިޒު ވަނީ 2014 ވަނަ އަހަރު ކުރައްވާފައެވެ. އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ހިންގާ ކޮމިޓީގައި 2009-2013 އަށް ދައުރެއް ފުރިހަމަަކުރެއްވި އެވެ.

ޙާފިޒް އަވަހާރަވީ ކެންސަރު ބަލީގައި އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. މަރުޙޫމް އަޙްމަދު ޙާފިޒް ފަސްދާނުލުން އޮތީ މިރޭގެ ޢިޝާ ނަމާދަށް ފަހު، މަސްޖިދު ޒައިދު ބިން ޘާބިތު، 'ހުޅުމާލެ ސަހަރާ މިސްކިތު'ގައެވެ.