ޚަބަރު

ބާސްކެޓާއި މަސްވެރިކަމުގެ ޚިދުމަތްތެރިޔާ ޙާފިޒް އަވަހާރަވެއްޖެ


ބާސްކެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީއޭ) އާއި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ބޮޑެތި މަސައްކަތްތަކެއް ކުރެއްވި މ. ޒިޔާރަތްދޮށުގޭ އަޙްމަދު ޙާފިޒް މިއަދު އަވަހާރަވެއްޖެއެވެ.

ސަރުކާރަށް ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ، އަދި ކުޅިވަރާއި ތައުލީމަށާއި މަސްވެރިކަމުގެ ދާއިރާގައި ޙާފިޒް ވަނީ މަސައްކަތްކުރައްވާފައެވެ. އޭނާ އަވަހާރަވީއިރު އުމުރުފުޅަކީ 62 އަހަރެވެ.

"ޕީއެސްއެމް ނިއުސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޙާފިޒް އަވަހާރަވީ ކެންސަރު ބަލީގައި އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ވަގުތެއްގައެވެ.

ޙާފިޒް ވަނީ އެމްބީއޭގެ ރައީސްކަންވެސް ދެ ދައުރަކު ކުރުއްވާފައެވެ. ޙާފިޒްގެ ދައުރުގެ ތެރޭގައި ރާއްޖޭގެ ބާސްކެޓަށް ގިނަ ކާމިޔާބީތަކެއް ހޯދައިދެއްވިއެވެ. އެގޮތުން ބައިނަލްއަގުވާމީ މުބާރާތްތަކާއި، ރާއްޖޭގައި ބޭއްވި މުބާރާތްތަކާއި، ކުޅުންތެރިން ބިނާކުރުމުގައި ޙާފިޒްގެ ދައުރު ފާހަގަކޮށްލެވެއެވެ.

ޙާފިޒް ވަނީ ރާއްޖޭގެ މެރިން ރިސާޗް ސެންޓަރު އުފެދުނީއްސުރެ ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތްކުރައްވާފައެވެ. އެގޮތުން އޭނާ ވަނީ 1999 އިން 2004 އަށް އެ ސެންޓަރުގެ ޑިރެކްޓަރުގެ މަގާމުވެސް އަދާކުރައްވާފައެވެ. މީގެ އިތުރުން ޙާފިޒް ވަނީ ކަނޑުއަޑީގެ ދިރުންތަކާއި މަސްމަހާމެއްސާ ގުޅޭގޮތުން ވަރަށް ބައިވަރު ޢިލްމީ ދިރާސާތައް ކުރައްވައި ލިޔުންތައް ވެސް ޝާއިއު ކުރައްވާފައެވެ.

އޭގެ އިތުރުން ޙާފިޒް ވަނީ ފިޝަރީޒް މިނިސްޓަރީގައިވެސް މުހިއްމު މަސައްކަތްތަކެއް ކުރައްވާފައެވެ. އަދި މެރިން ރިސާޗްގައިވެސް ޙާފިޒް ވަނީ ރާއްޖޭގައި އަލަށް ފެންނަ މަހަށް ނަން ދިނުމުގެ މަސައްކަތް ކުރައްވާފައެވެ.