ވިޔަފާރި

އެމްޓީސީސީއަށް 185 މިލިއަން ރުފިޔާގެ ފައިދާއެއް


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއަށް މިދިޔަ އަހަރު 185.68 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެއީ މީގެ ކުރީ އަހަރުތަކާ އަޅާ ބަލާއިރު ރެކޯޑް އަދަދެއްގެ ކުރިއެރުމެއްކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. 2014 ވަނަ އަހަރު އެ ކުންފުންޏަށް ލިބިފައި ވަނީ 99.13 މިލިއަން ރުފިޔާގެ ފައިދާއެކެވެ. އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް 1.4 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

އެމްޓީސީސީއަށް ރިކޯޑް މިންވަރަކަށް ފައިދާ ލިބިފައިވާއިރު އެކުންފުނިން ގެންދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން މިހާރު ކުރިއަށްދާ ޕްރޮޖެކްޓްތަކުގެ އިތުރުން އަލަށް ފެށުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކުގެ މަސައްކަތްތަށް ހަލުއިކަމާއިއެކު ކުރިއަށް ގެންދިއުމަށް ޒަމާނީ މެޝިނަރީސް ހޯދުމަށް މަސައްކަތް ފަށާފައިވާކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މިދިޔަ އަހަރު އެ ކުންފުނީގެ މަސައްކަތްތަކަށް ބޭނުންވާ މެޝިނަރީސް އަދި ފަހުގެ ވަސީލަތްތައް ހޯދުމަށް 175.33 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވެއެވެ.