ރައީސް ޔާމީންގެ ރިޔާސީ ދައުރު ދެބައިވުން ފާހަގަކުރުމަށްޓަކައި ޚާއްޞަ ކުޅިވަރު ފެސްޓިވަލެއް ބޭއްވުމަށް ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން ނިންމައިފިއެވެ. 
 
ރައީސް ޔާމީންގެ ރިޔާސަތަށް 913 ދުވަސް ފުރުން ފާހަގަކުރުމަށްޓަކައި "ފަހި 913"ގެ ނަމުގައި ބާއްވާ ކުޅިވަރު ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހު މާފަންނު ސްޓޭޑިއަމް ސަރަހައްދުގައެވެ. 
 
ރައީސް ޔާމީންގެ ކެންޕެއިން އޮފީހުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެއޮފީހުގެ ތަރުޖަމާނު އިބްރާހީމް މުޢާޒް ޢަލީ ވިދާޅުވީ މިޙަރަކާތް ކުރިއަށްގެންދެވުމަށް ހަމަޖެހިފައިވަނީ ސިޔާސީ ހަރަކާތެއްގެ ގޮތުގައި ނޫންކަމަށާއި، މިއީ ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެން ހުރިހާ އުމުރުފުރައެއްގެ މީހުން އެކުގައި ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުޞަތު ތަނަވަސްކޮށްދެއްވުމުގެ ގޮތުން ބާއްވާ ފެސްޓިވަލެއްކަމަށެވެ. 
 
އެގޮތުން މި ފެސްޓިވަލްގައި ހުރިހާ އުމުރުފުރާއަކާއި ދެޖިންސުގެ މީހުންނަށް ބައިވެރިވެވޭފަދަ ހަރަކާތްތައް ކުރިއަށްދާނެކަމަށް މުޢާޒް ވިދާޅުވިއެވެ.
 
މި ކުޅިވަރު ފެސްޓިވަލްގައި ސިޔާސީ އެއްވެސް ކުލައެއް ފެނިގެން ނުދާނެކަމަށް މުއާޒް ވިދާޅުވިއެވެ. އެގޮތުން ފަހި 913ގެ ރަސްމީ ކުލަތައްކަމުގައި ކަނޑައަޅުއްވާފައިވަނީ ފެއްސާ ރަތާ ހުދާ، މިތިންކުލަކަމަށް ރައީސް ޔާމިން ކެމްޕެއިން އޮފީހުން މަޢުލޫމާތުދެއްވައެވެ.