ދުނިޔެ ހޫނުވުމުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ޞިއްޙީ ބޮޑެތި ކާރިސާތަކާ ކުރިމަތިވަމުން އަންނަކަމަށް ޞިއްޙަތާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، 77 ވަނަ ވޯލްޑް ހެލްތު އެސެންބްލީގައި ތަގުރީރުކުރައްވަމުންނެވެ.
ޞިއްޙަތާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކަށް ބޮޑެތި އަސަރުތަކެއް ކުރަމުން އަންނަކަމަށެވެ. އެގޮތުން ރަށްގިރުމާއި ގާހުދުވުމުގެ މައްސަލަ ވަޒީރު ފާހަގަކުރެއްވިއެވެ. މިކަންކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށާއި މަސްވެރިކަމުގެ ސިނާއަތައް އަސަރުކުރަމުން އަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޞިއްޙަތާއި ބެހޭ ވަޒީރު ވިދާޅުވީ، މޫސުމަށް އަންނަ މިފަދަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ޞިއްޙީ ބަލިމަޑުކަމާއި ކުރިމަތިލާންޖެހޭކަމަށެވެ. އަދި މީގެ ސަބަބުން މުޖްތަމަޢަށް ލިބޭ ގެއްލުން ކުޑަކުރުމަށް ހުރަސްތަކެއް ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިކަންކަމުން އަރައިގަތުމަށް ގައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ލިބޭނެ މަގު ފަހިކުރުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ވަޒީރުގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.
ޞިއްޙީ ޚިދުމަތަކީ އިންސާނަކަށްވީތީ ކޮންމެހެން ލިބެންޖެހޭ ހައްގެއްކަން ފާހަގަކުރައްވައި ވަޒީރު ޚަލީލް ވަނީ ފަލަސްތީނުގެ ޣައްޒާގެ މުސްލިމުންނަށް ދެމުންދާ އަނިޔާ ހުއްޓާލުމަށް ގޮވާލައްވާފައެވެ.