ޚަބަރު

ރަފަޙުގައި ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި


  • މިދިޔަ ދެ ދުވަހު ރަފަޙްއަށް ޢަމަޒުކޮށް ބޮޑެތި ޙަމަލާތައް ވަނީ ދީފައި

  • 40 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައި

  • އެއީ "ސޭފް ޒޯން"އެއް ކަމަށް ބުނަމުންދިޔަ ސަރަޙައްދެއް

ރަފަޙުގައި ރެފިއުޖީންގެ ފޭލިގެތަކެއް ޖަހާފައިވާ ސަރަޙައްދަށް ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނުގައި ވިދާޅުވީ ޔަހޫދީ ފައުޖުން ހިންގަމުންދާ ގަތުލުއާންމަކީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ޢަމަލެއް ނޫންކަމަށެވެ.

އެ ސަރަޙައްދަކީ ޙަމަލާތަކުން ރައްކާތެރި "ސޭފް ޒޯން" އެއްކަމަށް، ޔަހޫދީ އިސްރާއިލުން ބައިނަލްއަޤްވާމީ ދުނިޔެއަށް ދައްކަމުންދާ ސަރަޙައްދެކެވެ.

ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން އެ ސަހަރުގެ އެންމެ ދެކުނުން އޮތް ރަފަޙަށް ރަޙުމު ކުޑަ ޙަމަލާތަކެއްދީ 40 އަށްވުރެ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. ރަފަޙުގައި ރެފިއުޖީންގެ ފޭލިގެތަކެއް ޖަހާފައިވާ ސަރަޙައްދަށް ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާގައި ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވި ކަމުގައި ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަކުރިއެވެ.

މިއީ އިންސާނީ ޙައްޤުތައް ޙިމާޔަތްކުރާ ބައިނަލްއަޤްވާނީ ޤާނުނުތަކާ ޚިލާފު ޢަމަލުތަކެއްކަމަށާއި، އދގެ އެންމެ މަތީ ކޯޓު, އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން ނެރެފައިވާ އަމުރަށް މިހާރުން މިހާރުން މިހާރަށް ޢަމަލުކުރުމަށް ވަނީ ގޮތާލާފައެވެ. މި އަމުރު ނެރެފައިވަނީ މިމަހުގެ 24ވަނަ ދުވަހުއެވެ. މި އަމުރުގައި ބުނެފައިވަނީ ފަލަސްޠީނުގެ ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙްގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ވަގުތުން ހުއްޓައިލައި, އެ ސަހަރުން ފޭބުމަށް ބައިނަލްއަޤްވާމީ ކޯޓުން ޒަޔަނިސްޓު އިސްރާއީލަށް އަމުރުކޮށް ހުކުމްކުރާކަމަށެވެ.

މި ނިންމުމަށް ރާއްޖެއިން ވަނީ ތަޢީދުކޮށް މަރުޚަބާކިޔާފައެވެ. އަދި މި އަމުރުން ވަގުތުން ވަގުތަށް ތަންފީޒުކުރުމަށް، ބައިނަލްއަޤްވާމީ މައިދާނުގާއި ރާއްޖެއިން ދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.

ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނުގައި ވިދާޅުވީ ދިވެހި ސަރުކާރު އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާއެކުކަމަށާއި ވަލަސްޠީނުގެ މިނިވަންކަމަށް ގޮވާލާ ޤައުމެއްގެ ގޮތުގައިކަމަށެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކަށް ދާއިމީ ހައްލެއް ގެނައުމަށް އޮތް ހަމައެކަނި ގޮތަކީ، 1967 ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިރުމަތީ ޤުދުސް އަކީ އެ ޤައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅާ، ފަލަސްތީންގައި މިނިވަން ދައުލަތެއް ގާއިމުކުރުން ކަމަށް ދިވެހިރާއްޖެއިން ބުނަމުންދާ ބުނުން ވަނީ ވަނި ތަކުރާރުކުރައްވާފައެވެ.