ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެއެވެ.
ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ މަރުވެފައިވަނީ ތ. ތިމަރަފުށީ، މިނިވަން އައްސޭރި، އުމުރުން 83 އަހަރުގެ އާދަމް ޢަލި މަނިކުކަމަށެވެ.
އޭނާ ނުހޭލައިގެން، ގޮޅީގައި ތިބި އެހެން ޤައިދީން ޑިއުޓީ އޮފިސަރުންނަށް އެންގުމުން، މެޑިކަލް ސެންޓަރަށް ގެންދިޔައިރު ހަރަކާތް ނުކުރާތީ އަމަޖެންސީގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށްފަހުވެސް ހަރަކާތެއް ނެތުމުން، އޭނާ ނިޔާވެފައިވާކަމަށް ކަނޑައަޅާފައިވަނީ މެންދުރު 12:30 ހާއިރުކަމަށް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވިއެވެ.
އޭނާއަކީ ހަކުރު ބަލި، ކިޑްނީ އަދި ކޮލެސްޓްރޯލް، ހައިޕަރޓެންޝަން އަދި ލޮލުގެ ބަލި ފަދަ ގިނަ ބަލިތަކަށް ބޭސްކުރަމުން އައި މީހެއްކަމަށްވެސް އެސަރވިސުން ވިދާޅުވިއެވެ.
އާދަމް ޢަލި މަނިކު މަރުވުމާއި ގުޅިގެން ކަރެކްޝަނަލް ސަރވިސުން ވަނީ ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައެވެ.