ޚަބަރު

ކުރިއަށްއޮތް 7 ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ


މިއަދުން ފެށިގެން ކުރިޔަށް އޮތް ހަތް ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ގަދައަށް ވިއްސާރަކޮށް، ފެން ބޮޑުވެ، ރަށްރަށަށް އުދަ އަރާނެކަމަށް ލަފާ ކުރެވޭތީ، ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން މިހާރުވަނީ މޫސުމަށް ސަމާލުވުމުގެ ގޮތުން ޔެލޯ އެލަރޓް ނެރުއްވާފައެވެ. އެ އިދާރާއިން މައުލޫމާތު ދެއްވާގޮތުގައި މިހާރު ކުރަމުންދާ ވިއްސާރައިގައި ކޮޅިގަނޑުގައި ފަންސާސް މޭލާ ފަސްދޮޅަސް މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭޏެކަމަށް ލަފާ ކުރެވޭތީ އެކަމަށްވެސް ސަމާލުވާންޖެހޭ ކަމަށާއި، ކަނޑު ދަތުރު ފަތުރު ކުރާ ފަރާތްތަކުން ޚާއްޞަކޮށް ސަމާލުވުމަށް އަންގައި އިލްތިމާސް ކުރައްވައެވެ. މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އަކީ ރާއްޖޭގެ އިރުމަތީ އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ގިނަ ޢަދަދަކަށް ވިއްސާރަވިލާ ރާއްޖޭގެ ސަރަޙައްދުތަކަށް އަރަމުންދާތީ ކުރަމުންދާ ވިއްސާރައެއްކަމަށާއި، މިގޮތުން ދެކުނާއި، މެދުތެރޭގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވައިގަދަވާކަމަށް ލަފާކުރެވޭކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތުދެއްވައެވެ. 

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިދުވަސްވަރު ރާއްޖޭގެ ކަނޑުތަކުގައި ބާނި އުފުލިފައިވާތީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށް ރަށަށް އުދައެރުމަކީ އެކަށީގެންވާކަމެއްކަމަށެވެ.