ޚަބަރު

މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ސަމާލުވާން އިލްތިމާސްކޮށްފި


  • ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭ ވެހި، ވައި ގަދަވާނެ

  • މިރޭ 21:00 އާ ހަމައަށް މުޅި ރާއްޖެއަށް ހުދު ސަމާލު ވަނީ ނެރެފައި

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭ ވެހި، ވައި ގަދަވާނެތީ ހުރިހާ ފަރާތްތަކުންވެސް، މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

އެއިދާރާއިން ބުނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ވިއްސާރަ ވިލާ ހުރުމުން ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މިއަދު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓް އޮފީހުން މިހާރު ވަނީ މިރޭ 21:00 އާ ހަމައަށް މުޅި ރާއްޖެއަށް ހުދު ސަމާލުވެސް ނެރެފައެވެ. މެޓް އޮފީހުން ބުނީ މި ވަގުތުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭކަމަށެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުން، ޚާއްޞަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ މޫސުމީ ވިއްސާރައެއް ކަމަށާއި، ވިއްސާރަ ދެން ދާނީ އަލިވާނެކަމަށް މޫސުމާބެހޭ އިދާރާއިން ބުނެއެވެ. އެގޮތުން އަންނަ ހަފްތާގައި ވިއްސާރަ އަލިވާނެ ކަމަށް އެއިދާރާއިންވަނީ ލަފާކޮށްފައެވެ.