ދުނިޔެ

އިދްލިބަށް ދިން ވައިގެ ޙަމަލާތަކެއްގައި 10 މީހުން މަރުވެއްޖެ


ސޫރިޔާގެ ހުޅަނގު އުތުރުރަށެއްކަމަށްވާ އިދްލިބަށް ދިން ވައިގެ ޙަމަލާތަކެއްގައި ޢާންމުންގެ 10 މީހުން މަރުވެއްޖެއެވެ.

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ސޫރިޔާގެ މުސްތަޤިއްލު ޖަމްޢިއްޔާއެއް ކަމަށްވާ "ސީރިޔަން އޮބަޒަވޭޓްރީ ފޯ ހިޔުމަން ރައިޓްސް"އިން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އެ ޖަމްޢިއްޔާއިން ބުނީ އިދްލިބްގައި ސޫރިޔާ ސިފައިންނާއި އިދިކޮޅު ހަނގުރާމަވެރިންނާ ދެމެދު ވަރުގަދައަށް ހަނގުރާމަ ހިނގަމުންދާ ކަމަށެވެ. އިދްލިބަށް ވައިގެ ޙަމަލާތައް ދިނީ ސޫރިޔާގެ ވައިގެ ސިފައިންކަން ނޫނީ ސޫރިޔާ ސިފައިންނަށް ވާގިވެރިވާ ރަޝިޔާގެ އަސްކަރީ މަތިންދާބޯޓުތަކުން ކަން އަދި ސާފުވެފައެއް ނުވެއެވެ.

އަނެއްކޮޅުން އެމެރިކާ އާއި ރަޝިޔާއިން ވަނީ ސޫރިޔާގެ އުތުރުގެ ރަށެއް ކަމަށްވާ ޙަލަބްގައި ތަންފީޒު ކުރަމުންގެންދާ ޙާމަލާތައް ވަގުތީގޮތުން ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރު 48 ގަޑިއިރަށް ދިގުދެންމުމަށް ސޫރިޔާ ސިފައިންނާއި އިދިކޮޅު ޖަމާޢަތްތަކުން ނިންމިކަން އިޢުލާނުކޮށްފައެވެ.