ޚަބަރު

ޓްރެއިނިން ރިސޯޓް ތަރައްޤީކުރަނީ ހައްދުންމަތީގައި


  • ޓްރެއިނިން ރިސޯޓާއެކު ފަތުރުވެރިކަމުގެ ސިނާޢަތަށް މީހުން ތަމްރީން ކުރެވޭނެ

  • ރާއްޖެއިން ބޭރުގެ ދަރިވަރުންނަށްވެސް ތަމްރީން ވެވޭނެ

ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ތަމްރީން ކުރުމަށް ޚާއްސަކޮށްގެން ޓްރެއިނިން ރިސޯޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ހައްދުންމަތީގެ ރަށެއްގައިކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

އެ ވުޒާރާއިން މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވީ ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިސްނެގުމާއެކު ޓްރެއިނިން ރިސޯޓެއް ތަރައްޤީކުރުމަށް ނިންމާފައިވާ ކަމަށާއި އެ ރިޒޯޓް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ލ.އަތޮޅުގައިކަމަށެވެ. އަދި ޓްރެއިނިން ރިސޯޓްގެ މަސައްކަތް ނިމުމުން ފަތުރުވެރިކަމުގެ ސިނާޢަތާ ގުޅުން ހުރި ދާއިރާތަކަށް މީހުން ތަމްރީން ކުރެވޭނެ އިންތިޒާމް ދިވެހިންނަށް ހަމަޖެހިގެން ދާނެކަމަށެވެ. އަދި ރާއްޖެއިން ބޭރުގެ ދަރިވަރުންނަށްވެސް ފަތުރުވެރިކަމުގެ ސިނާޢަތުގައި ތަމްރީންވުމުގެ ފުރުޞަތު ރާއްޖެއިން ލިބޭނެކަމަށެވެ.

"ބޭރުގެ ދަރިވަރުންނަށްވެސް ރާއްޖެއަކީ ކިޔެވުމަށް އަންނަ މަންޒިލަކަށް ހެދުމަށް ކުރެވޭ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެ." މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރި ކަންބޮޑުވުންތަކުގެ ތެރޭގައި މަތީ މަޤާމުތަކުގައި ދިވެހިން ނެތުމަކީ ކަންބޮޑުވާކަމެކެވެ. ޤާނޫނުގެ ތެރެއިންނާއި ސްކޮލަޝިޕްތަކާއި ފުރުޞަތުތައް ހޯދައިދީގެން ރިސޯޓްތަކުގެ އިސްމަޤާމުތަކަށް ދިވެހިން ގެނައުމަކީ އަމާޒެއްކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރުވެސް ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުގެ ބޯހިމެނުމުން ދައްކާގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި 58،089 މީހުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެތެރެއިން %40 އަކީ ދިވެހިންނެވެ. ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ދިވެހިންގެ ޖުމްލަ އަދަދަކީ 22،337 އެވެ. އަދި 35،000އަށްވުރެ ގިނަ ބިދޭސީން މިސިނާއަތުގައި ހަރަކާތްތެރިވެއެވެ.